Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ބްރޮޑްކޮމް އަށް ޝިފްލާ އައްޔަނު ކުރަން ރުހުން ދީފި

ޝިފްލާ އިބްރާހިމް--

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރުކަމަށް ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހީމް، އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝިފްލާ ބްރޮޑްކޮމްއަށް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ވޯޓުންނެވެ.

ބްރޮޑްކޮމްއަށް މެމްބަރަކު ނެގުމަށް ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އާމިނަތް ސަރާހަތްގެ މެމްބަރުކަމުގެ މުއްދަތު މި މަހުގެ ހަތަރު ވަނަ ދުވަހަށް ހަމަވެފައިވާތީއެވެ.

ބްރޮޑްކޮމްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި ސިޓީގެ އެއްވަނައިގައި އޮތީ އަލްއުސްތާޛާ ފާތިމަތު ސައުސަންގެ ނަމެވެ. ދެވަނަައިގައި ޝިފްލާގެ ނަން އޮތް އިރު ތިން ވަނައިގައި އޮތީ ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ. އެހެންނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޝިފްލާގެ ނަން ފާސްކުރީ ކޮމިޓީގައި ތިއްބެވި 11 މެމްބަރުންގެ އިއްތިފާގުންނެވެ. އަނެއް ދެ ބޭފުޅުންނަށް ލިބިވަޑައިގަތީ ހަ ވޯޓެވެ.

ބްރޯކޮމް އެކުލެވެނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސަކީ އަހުމަދު ގައިސެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ.