ގަރާޖު ސިޓީއާ ނުރާ ވެހިކަލްތައް ރަޖިސްޓްރީ ކުރެވޭގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމި ނިންމުން މުރާޖާ ކުރުމަށް އެކޮމިޓަށް އަނބުރާ ފޮނުވާލައިފިއެވެ.
އެގޮތަށް ފޮނުވަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 68 މެމްބަރުންގެ ވޯޓުންނެވެ. އަދި އެކަމާއި ދެކޮޅަށް އެއް މެމްބަރުން ވޯޓުދެއްވިއެވެ. އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވަން ހުށަހެޅީ މަޖިލިސް ނައިބު ރައިސް އީވާ އަބްދުﷲ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ކޮމިޓީން ގެނެސްފައިވާ އިސްލާހުގައި ވަނީ، އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫޏްވެސް ތަނެއްގައި ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމުވެގެންނުވާކަމަށެވެ.
އަދި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު، ގަރާޖެއްގައި އެ އުޅަނޑު ބާއްވާނެކަމުގެ ލިޔުން ހުށަހެޅުންވެސް ލާޒިމު ނޫންކަމަށް އިސްލާހުގައިވެއެވެ.
ކޮމިޓީން މިގޮތަށް މިއިސްލާހު ގެނެސްފައިވަނީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ލިޔުން ވިއްކަމުން ގެންދާ މައްސަލައަށް ހައްލެއް ގެންނަންޖެހޭކަމަށާއި، އެކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުން މުހިންމު ކަމަށް ކޮމިޓީއަށް ގަބޫލުކުރެވުމުންނެވެ.
އެހެންނަމަވެސް ކޮމިޓީގެ ނިންމުމަށް މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ.