Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

ހުޅުމީދޫ އިން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ ހުޅުމީދޫ އިން ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ހުޅުމީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ "ނިއުލައިން" ބޯޓުގައި މަސައްކަތްކުރާ ފަޅުވެރިންތަކަކާއި އެ ބޯޓުގެ ކައްޕި އާއި ބޯޓުގެ ވެރިފަރާތެވެ.

މީގެ އިތުރުން ރަށުތެރެއިން ނެގިފައިވާ ރޭންޑަމް ސާމްޕަލެއްވެސް ޕޮޒިޓިވް ވެފައިވާކަމަށް "އައްޑޫލައިވް"އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ހުޅުމީދޫ އިން އިތުރު ކޭސްތަކެއް ފެނިފައި މިވަނީ އެރަށު "ނިއުލައިން" ބޯޓުގައި މަސައްކަތްކުރާ ދިވެއްސަކު އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެ ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެރަށް މޮނިޓަރިންގ އަށް ލާފައިވަނިކޮށެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

ހުޅުމީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.