ގައުމުގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ ދިވެހިން ގައުމު އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި ރައީސް ސޯލިހް ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފި ނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީންވާކަމަށެވެ. އަދި ގައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ޤައުމެއްގެ ތަރައްޤީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ޤައުމެއްގެ އަމިއްލަ ދަރިން، ޤައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ޙަވާލުވެގެންނެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ޤައުމު ތަރައްޤީކުރަން ފަށައިފިނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްޤީއެއް ހޯދޭނެކަން ޔަޤީނެވެ." ރައީސްގެ ހިތާބުގައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ގިނަ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ފާހަގަކޮށް ރައީސް ވިދާޅުވެފައިވަނީ އެފަދަ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކުރުމަށް 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާފައިވާކަމަށެވެ.
މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ޙައްލުކޮށް، އެމީހުންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ޚާއްޞަ އިސްކަމެއް ދީގެން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސްގެ ހިތާބުގައިވެއެވެ. އެގޮތުން އެންމެ ކުޑަ އުޖޫރަ ދިނުމަށް ގާނޫނު އިސްލާހު ކޮށްފައިވާކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމަށް ގާނޫނު އިސްލާހު ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.