ރިއާސީ އިންތިހާބްގެ ފުރަތަމަ ބުރުގެ ވޯޓު ސްޕްރީމް ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން ރިއާސީ އިންތިހާބްގެ ކެމްޕެއިން ފޯރި ކެނޑިފައި އޮތުމަށްފަހު އިންތިހާބް މާދަމާ ބޭއްވޭނެ ކަން އެގުމާއި އެކު ކެމްޕެއިން ފޯރި ގަދަވެއްޖެއެވެ.
މާލެ ފިޔަވައި އެންމެ ބޮޑު އާބާދީ އޮތް އައްޑޫގައި މިދޭތެރެއިން މާބޮޑު ސިޔާސީ ހަރަކާތެއް ހިނގާފައި ނުވިޔަސް އެމްޑީޕީން ވަނީ އެޕާޓީގެ ކެމްޕެއިން ބާރަށް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފޭދޫ ބަނދަރު ސަރަހައްދުގައި ޖޯލިފަތި ޖަހައި ސްޓޭޖް ހަދައި އެސަރަޖައްދު ވަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތުގެ މައި ކިއްލާ ކަމުގައި ހަމަޖައްސާފައެވެ.
އަނެއްކޮޅުން ހިތަދޫ ސްޓޭޖް ސަރަހައްދުގެ ހިއްކި ބިމުގައި އެމްޑީޕީ ހިތަދޫގެ ކެމްޕެއިން ހަރަކާތް ކުރަމުން ދިޔަ އިރު ޕީޕީއެމް އާއި ޖުމްހުރީ ގުޅުމުގެ މާ ބޮޑު ކެމްޕެއިން ހަރަކާތެއް ނުފެނެއެވެ.
ނަމަވެސް މާދަމާ އިންތިހާބް ބޭއްވޭނެ ކަން ޔަޤީން ވުމާއި ގުޅިގެން ކެމްޕެއިން ވަނީ ވަރަށް ފޯރިދގަދަވެފައެވެ. މި ދޭތެރެއިން ސިޔާސީ ޕާޓީތކަުގެ ލަވައިގެ އަޑު ހަމަ އެކަނި އަޑު އިވުނު ނަމަވެސް ފާއިތުވި ދެތިން ދުވަހު ވަނީ ސިޔާދީ ޕާޓީ ތަކުގެ އިސްބައެއް ބޭފުޅުން އައްޑޫއަށް ވަޑައިގެން ޖަލްސާތަކާއި ބައްދަލުވުން ބާއްވާފައެވެ.
ހުޅުމީދޫގައި އެމްޑީޕީން ބާއްވަން އުޅުނު ޖަލްސާއަކަށް އިދިކޮޅު ފަރާތަކުން ލައުޑް ސްޕީކަރ ބޭނުން ކޮށްގެން ވަނީ އުނދަގޫ ކޮށްފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވެޑައިގެންނެވި އެޖަލްސާއަށް އަޑުގަދަ ކުރާ ބޭނުން ކޮށްގެން ހުރަސް އަޅަން މަސައްކަތް ކުރުމުން އެސަރަހައްދުގައި ވަނީ ކޮންމެވެސް ވަރަކަށް މައްސަލަ ހޫނު ވެފައެވެ.
ޖުމްހުރީ ގުޅުމުން ވެސް ވަނީ ރޭ ފޭދޫގައި ބައްދަލުވުމެއް ބާއްވާފައެވެ. އަދި ޕީޕީއެމްގެ ފަރާތުން ވެސް ވަނީ ކެމްޕެއިންގެ އެންމެ ފަހު ބައި ފުރިހަމަ ކުރުމަށް ބާރަށް މަސައްކަތް ކުރުމަށް ނިކުމެއެވެ.
ނިމިގެން ދިޔަ ރިއާސީ އިންތިހާބްގައި މެޖޯރިޓީ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ދެވަނަ ހޯއްދެވީ ޖުމްހުރީ ގުޅުމުގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއެވެ. ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަށް ލިބިވަޑައިގަތީ 3 ވަނައެވެ.
ރިއާސީ އިންތިހާބް ކާމިޔާބް ކުރެއްވުމުގައި އައްޑޫން ކުރި ހޯއްދަވާ ކެންޑިޑޭޓަށް ފުރުސަތު ބޮޑެވެ.