"ދަންޖެހިގެން" ރޭ ސ. މަރަދޫފޭދޫން މީހަކު މަރުވެއްޖެ އެވެ.
މަރުވީ އެ ރަށު ހުދު އަސުރުމާގޭ މުހައްމަދު ޝަހީމް، 37، އެވެ.
އޭނާ "ދަންޖެހިފައިވާކަން" އާއިލާ މީހުންނަށް އެނގުނީ އެނގުނީ ރޭ ދަންވަރު 12:30 އެހާކަށްހާ އިރު އެވެ. މި ހާދިސާ ހިނގި އިރު ޝަހީމް އާއި އޭނާގެ އަންހެނުންނާ ދެމެދު މައްސަލަތަކެއް ވެސް ޖެހިފައިވާ ކަމަށް ވެ އެވެ.
ޝަހީމް ފޭދޫ ސިއްހީ މަރުކަަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.
ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ޝަހީމްގެ ކަރުގައި ޒަހަމްތަކެއް ފެންނަން ހުރި ނަމަވެސް، ހަށިގަނޑުގެ އިތުރު ތަނަކުން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.
ދެ ކުދިން ވެސް ތިބި ޝަހީމްގެ ހަށިގަނޑު މިހާރު ވަނީ ވަޅުލައިފަ އެވެ.
މަރަދޫފޭދޫން ވާހަކަ ދެއްކި މީހަކު ބުނީ ޝަހީމް މަރުވި ގޮތާ ބެހޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވޭ ކަމަށެވެ.
އެއް ބަޔަކު އޭނާ "ދަންޖެހިގެން" މަރުވި ކަމަށް ބުނާ އިރު، ދަންޖެހިފައި ހުރި ތަނެއް ފެނިފައެއް ނުވެ އެވެ. އަދި ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިން އޭނާ ފެނުނު އިރު ކަރުގައި ރިބަން ފަށެއް އައްސާފައި ހުރި ކަމަށް ވާހަކަ ދެކެވެ އެވެ.
އެހެން ނަމަވެސް އެ ރިބަން ފަށް އެހެން ދިމާލެއްގައި އައްސާފައި ހުރި ކަމަކަށް ނުވެ އެވެ.
އަނެއް ބަޔަކު ބުނަނީ ޝަހީމް މަރުވީ ދާދި ފަހުން ރާއްޖޭގައި ގެންގުޅޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ބާރުގަދަ މަސްތުވާ އެއްޗެއް ބޭނުންކޮށްގެން ކަމަށް ވެސް ވާހަކަ ދެކެވޭ ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ ޝަހީމް މަރުވީ "ދަންޖެހިގެންކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޑޮކްޓަރު ޔަގީންކޮށް ދީފައިވާ" ކަމަށެވެ.
އަދި ޝަހީމް ފެނުނު ތަނުގެ ސީން އަށް ބަލާ އިރު ވެސް އޭނާ މަރުވެފައި ދަނީ ދަންޖެހިގެންކަން ޔަގީންވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޝަހީމް ދަންޖެހިފައި ހުރީ ކަރުގައި ފަލަ ރިބަން ފަށެއް އައްސައިގެން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އެކަމަކު ފެނުނު އިރު ރިބަން ފަށުގެ އަނެއް ކޮޅު އައްސާފައި ހުރި ދިމާ ވަނީ ކަނޑާލައިފަ އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ދަންވަރު 1:20 ހާ އިރު އެވެ. އަދި އޭނާ ސީން އަށް ފުލުހުންނަށް ދެވުނީ 1:38 ގައި ކަމަށާއި އޭނާ ސިއްހީ މަރުކަޒަށް ގެންދެވުނީ 1:50 އެހާކަށްހާ އިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޝަހީމް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާކަން ޑޮކްޓަރުން ކަށަވަރުކޮށް ދެއްވީ 2:30 އެހާކަށްހާ އިރު ކަމަށް ފުލުހުން ބުންޏެވެ.