Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

5000 އަށްވުރެއް ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

ރާއްޖޭގައި މިއަހަރުގެ އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.

އޯލެވެލް އިމްތިހާނު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގެ 235 ސެންޓަރެއްގައި އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގެ 22 ސެންޓަރަކާއި އަތޮޅުތެރޭގެ 213 ސެންޓަރެކެވެ.

މިފަހަރުގެ އިމްތިހާނުގައި ޖުމުލަ 5955 ދަރިވަރުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ މާލެއިން އިމްތިހާނު ހަދާ 2،196 ދަރިވަރުންނާއި، އަތޮޅުތެރެއިން އިމްތިހާނު ހަދާ 3،759 ދަރިވަރުންނެވެ.

މި އިމްތިހާނުގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ދަރިވަރުންނާއި، ކަރަންޓީންކޮށްފައިވާ ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭ ހާލަތުގައި ތިބި ދަރިވަރުންނަށް އިމްތިހާނު ހެދޭނެ އިންތިޒާމުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީއާއި ރަށްރަށުގެ ސިއްހީ އިދާރާތަކުގެ އިތުރުން، ރަށްރަށުގެ ޓާސްކްފޯސްތަކާއި ގުޅިގެން ހަމަޖައްސާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.