މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ބްރިޖް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކް ގެ ފަރާތުން އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައި ކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ ބްރިޖުް މަޝްރޫއު އަށް ބިޑް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ ބުދަ ދުވަހެވެ.
ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލައިފާވާ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކް ގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައި ކޮށްފައިވާއިރު މި ހަތަރު ކުންފުންޏަކީވެސް މިފަދަ މަޝްރޫއު ތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނި ކަމަށް މައުލޫމާތުދީފައިވެއެވެ.
މާލެ-ތިލަފުށި ބްރިޖް ޕްރިޖެކްޓް ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުއެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓް އަކީ ދިވެހި ސަރުކާރުން ޙިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން، މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފާވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ. މި މަޝްރޫއުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ލަފާކޮށްފައިވެއެވެ.