Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ފުލުހުން އަނިޔާވެރިވި މައްސަލަ އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ

ފޮޓޯ: ހުސައިން ވަހީދު / އަދަދު

ޖިންސީ ފުރައްސާރައާ ދެކޮޅާ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރަމުން ގެންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)އިން ބުނެފިއެވެ.

މޭޑޭ އާ ގުޅުވާ ވަޒީފާގެ މާހައިލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައާ ދެކޮޅަށް ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އަނިޔާވެރިވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅިގެން އެޗްއާރްސީއެމްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މާލޭގައި ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއިމެދު ކޮމިޝަނުން ކަންބޮޑުވާކަމަށެވެ.

އެޗްއާރްސީއެމުން ބުނީ އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްގަކަށްވާއިރު މި ހައްގުގެ ބޭނުން ކުރެވޭނެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭކަމަށެވެ. އަދި ރޭގެ ހާދިސާއާއި ގުޅިގެން އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން މި މައްސަލަ ބަލަމުންދާ ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ރޭ އަމަލުކުރި ގޮތަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އެކަން ހިނގާފައިވާގޮތް ބަލާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.