Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ރައީސްގެ ލީގަލް ކައުންސިލް އަކީ އިބްރާގެ ޅިޔަނެއް، އިންޓެގްރިޓީއާ މެދު ސުވާލު އުފެދޭ: އިމްތިޔާޒް

ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަލްއުސްތާޒު އަހްމަދު އަބްދުﷲ އަފީފް އަކީ މަންދު ކޮލެޖްގެ ޗެއާމަން އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ)ގެ ޅިޔަނެއް ކަމަށާއި، އޭނާގެ ވާހަކަތަކާ މެދު ސުވާލު އުފެދޭކަމަށް ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މަސައްކަތްތައް ލަސްކަމަށް ވިދާޅުވެ އަހުމަދު ވާހަކަފުޅު ދައްކަވާފައިވާއިރު އެވާހަކަތަކަށް ރައްދު ދެއްވާ މިއަދު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ރައީސްގެ ލީގަލް ކައުންސިލް ރޭގައި ފާހަގަކުރެއްވި އެއް ކަމަކީ މަޖިލީހަށް ހުށަހެޅިފައިވާ ބިލްތައް ލަސްވުމުން އިންސާފު ގާއިމު ނުކުރެވިފައިވާ ވާހަކަކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ރައީސްގެ ލީގަލް ކައުންސިލް އަހުމަދުގެ ވާހަކަފުޅުތަކުން ދޭހަވަނީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާ ކުރެއްވި ޓްވީޓްތައް ތަފްސީލު ކޮށްދިންތަން ކަމަށެވެ. އަދި ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ޖުޑިޝަރީ ކޮމިޓީގެ މަސައްކަތްތައް ލަސްވެގެން އިންސާފު ލިބުމަށް ހުރަސް އެޅޭކަމަށް ގަބޫލުނުކުރާ ކަމަށެވެ.

މީގެ އިތުރުން އިންތި ވިދާޅުވީ އިބްރާ ސޯޝަލް މީޑިއާގައި މަންދު ކޮލެޖަށް ބަދަލުދިނުމާއި ގުޅޭގޮތުން ސަރުކާރުން ބަސްބުނުމަށް އަދި ކަންކަން ސާފު ކޮށްދިނުމަށް ބުނެ ޓްވީޓް ކުރާ މަންޒަރު ފެންނަކަމަށެވެ. އެއާ ވިދިގެން ރައީސްގެ ލީގަލް ކައުންސިލް އަހުމަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކާ މަޖިލީހުގެ ބޮލުގައި އިލްޒާމު އެޅުވީ މަންޒަރު ފެނުނު ކަމަށް ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ކަންކަން ރަނގަޅަށް ބާލާލާއިރު ރައީސްގެ ލީގަލް ކައުންސިލަކީ މަންދު ކޮލެޖް ރެޕްރެޒެންޓް ކުރާ ލޯފާމްގެ ބޭފުޅެއް ކަމަށާއި، އަދި އެއީ މަންދު ކޮލެޖްގެ ވެރިޔާ އިބްރާގެ ޅިޔަނެއް ކަމަށެވެ. އަދި ސެޓުލްމެންޓް ކޮމިޓީގައިވެސް ރައީސްގެ ލީގަލް ކައުންސިލް އަހުމަދު ހިމެނޭކަން ފާހަގަކޮށް އިންތި ވިދާޅުވީ، މިކަންކަން މިހެން ހުރުމުން އަހުމަދު އަބްދުﷲ އަފީފްގެ އިންޓެގްރިޓީއާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ލީގަލް ކައުންސިލް އަހުމަދު ވިދާޅުވީ ބަދަލު ދިނުމުގެ ކަންކަމުގައި އެންމެ އިންސާފުވެރިކޮސް އަމަލުކުރެވޭނީ ކަމާގުޅޭ ގާނޫނެއް އޮވެގެން ކަމަށެވެ. މިދިޔަ އަހަރު ފެބްރުއަރީގައި ސަރުކާރުން މަޖިލީހަށް މަދަނީ އިޖުރާއަތުގެ ބިލު ހުށަހެޅިކަން ފާހަގަކޮށް އަހުމަދު ވިދާޅުވީ، ބިލު އަދިވެސް މަޖިލީހުން ނިމިފައި ނުވާތީ، އިންސާފު ލިބިދިނުމަށް ހުރަސް އެޅޭ ކަމަށެވެ.