Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އާ ފިޔަވަޅުތަކަށް އާންމުން އަމަލުކުރޭތޯ ބެލުން މުހިއްމު: މައުމޫން

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަށް އާންމުން އަމަލުކުރޭތޯ ބެލުން ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ 10:30 ގައި އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު، ބައްދަލުވުމުގައި ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.

މި ފިޔަވަޅުތައް އިއުލާންކުރަން ނިންމާފައިވާއިރު ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާ އާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށާއި އެގޮތުން މުއައްސަސާތަކުންނާއި އާންމުން އެ ފިޔަވަޅުތަކަށް ޢަމަލުކުރޭތޯ ބެލުން ވަރަށް މުހިއްމު ކަމަށެވެ.

ރާއްޖެއިން އިއްޔެ ވަނީ ކޮވިޑް-19 އަށް 508 މީހުން ޕޮޒިޓިވްވެފައެވެ. މިއީ ރެކޯޑު އަދަދެއް ކަމަށްވާއިރު އޭގެތެރޭގައި ހިމެނެނީ މާލެ ސަރަަހައްދުން ޕޮޒިޓިވްވި 276 މީހުންނާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ޕޮޒިޓިވްވި 222 މީހުންނެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 5،594 މީހުން އެބަތިއްބެވެ. އަދި 172 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެވެމުންނެވެ.