Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޕީއެސްޖީ ބަލިކޮށް ސިޓީ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި މިރޭ 2-0 އިން ޕީއެސްޖީ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

މި ދެ ޓީމު ޕީއެސްޖީގެ ދަނޑުގައި ބައްދަލުކުރި ސެމީގެ ފުރަތަމަ ލެގުގެ މެޗު 2-1 އިން ކާމިޔާބުކުރީ ސިޓީންނެވެ. އެހެންކަމުން ސިޓީ ފައިނަލަށް ދަތުރުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

މިރޭ ކުޅުނު ސެމީގެ ދެވަނަ ލެގުގެ މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 11 ވަނަ މިނެޓްގައެވެ. އެގޮތުން ސިޓީން އުފެއްދި ކައުންޓަ އެޓޭކެއްގައި މި ގޯލު ކާމިޔާބުކޮށްދިނީ ރިޔާދް މަހްރޭޒް އެވެ.

ނަތީޖާ އެއްވަރުކޮށްލަން ޕީއެސްޖީ އަށް ރަނގަޅު ފުރުސަތެއް ފުރަތަމަ ހާފްގައި ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ޑިފެންޑަރު މާކިއުނޯސް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އެންހެލް ޑިމަރިޔާ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ސިޓީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 63 ވަނަ މިނެޓްގައި ސިޓީން ވަނީ ކައުންޓަ އެޓޭކެއްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން ފޮޑެން ދިން ޕާހަކުން މި ގޯލުވެސް ސިޓީ އަށް ކާމިޔާބުކޮށްދިނީ މަހްރޭޒް އެވެ.

މި ގޯލު ކާމިޔާބުކުރިތާ ހަ މިނެޓްފަހުން ބޯޅަ ނެތީސް ސިޓީގެ މިޑްފީލްޑަރު ފާނަންޑީނިއޯ އަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ޕީއެސްޖީގެ ޑިމަރިޔާ އަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ޕީއެސްޖީން ފުރިހަމަ ކުރަން ޖެހުނުއިރު ސިޓީން ވަނީ ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް އޭގެފަހުން ވެސް ތަނަވަސްކޮށްފައެވެ.

މިއީ ސިޓީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުން އެޓީމު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ޗެލްސީ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ފައިނަލް މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރެއެވެ.