Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފްލައިން ސްކޫލްގެ އެއްބަސްވުމުގެ މުއްދަތު އިތުރުނުކުރަން ސަރުކާރަށް ގޮވާލައިފި

މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ފްލައިން ސްކޫލު ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ސަރުކާރަށް ގޮވާލައިފިއެވެ.

ރޮޒެއިނާ މިކަމަށް ގޮވާލާފައިމިވަނީ އޭއޭއޭ އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. އޭއޭއޭ އާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާ ތާރީހަކީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހެވެ.

ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިން ސްކޫލް ހިންގާ އޭއޭއޭ އެތަން ދޫކޮށްލުމަށްފަހު ދާންޖެހޭ ކަމަށާއި އެމީހުންގެ އަމަލުތަކުން އެތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި އޭއޭއޭ އާއެކު ހަދާފައިވާ އެއްބަސްވުން އެއްވެސް ހާލަތެއްގައި އިތުރުނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އެމީހުންގެ ސަބަބުން އެތައް ސަތޭކަ ދަރިވަރުން މިލިއަނުން ފައިސާ ހަރަދުކޮށް ކޯސް ކުރިއަށް ނުގެންދެވި ތިބި ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ މިކަމަށް ގޮވާލާފައިވާއިރު ފްލައިން ސްކޫލްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީ އަށް ޓްރާންސްޕޯޓު މިނިސްޓްރީން ދިން މައުލޫމާތުތަކުގައި ބުނެފައިވަނީ އޭއޭއޭ އަށް ދޫކޮށްފައިވާ ލައިސަންސް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިހާތަނަށް ބާތިލުނުކޮށް އޮތުމުގެ އެއް ސަބަބަކީ އެ ސްކޫލްގެ ލައިސެންސް ބާތިލުކޮށްފިނަމަ ދަރިވަރުންނަށް ބޮޑެތި ގެއްލުންތަކެއް ވާނެތީ ކަމަށެވެ.

"އެގޮތުން މިވަގުތަށް އޮތް ހައްލުގެ ގޮތުގައި މިނިސްޓްރީ އަށް ގަބޫލުކުރެވެނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސްގައި މިހާރުން މިހާރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށްގެން ކުރިއަށް ގެންދިޔުން ކަމަށް" ޓްރާންސްޕޯޓުން ބުންޏެވެ.

ފްލައިން ސްކޫލްގެ މައްސަލަތައް ބޮއްސުންލާފައިވާއިރު މުސާރައިގެ މައްސަލައިގައި އެ ސްކޫލްގެ ހުރިހާ އިންޖިނިއަރުން މިހާރު ވަނީ އިސްތިއުފާ ދޭން ނިންމާފައެވެ. އަދި މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސްކޫލްގައި ދުއްވާނެ ބޯޓެއް ވެސް ނެތްކަން ފާހަގަކޮށްލެވެއެވެ.