މި ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު މީދޫގައި ފެށުމަށް ހަމަޖެހިފައިވާ ގްލޯބަލް ލިންކްސް ޗެލެންޖްގައި މިފަހަރުވެސް ބައިވެރިވީ 6 ޓީމްކަމުގައި އިންތިޒާމް ކޮމެޓީން ބުނެފިއެވެ.
ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 50،000 ރުފިޔާ ހުށަހަޅައިގެން މިއަހަރު މާޗް މަހު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބޭއްވި މުބާރާތުގައި ބައިވެރިވީވެސް 6 ޓީމަކުންނެވެ.
މުބާރާތުގެ އިންތިޒާމް ކަންތައް ހަމަޖައްސަމުން އަންނަ މީދޫ ކޯޕަރޭޓިވް ކޮމިއުނިއަން (އެމްސީސީ) އިން ބުނީ މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ މީދޫން 2 ޓީމާއި ފޭދޫން 2 ޓީމުގެ އިތުރުން ހިތަދޫ ޓީމަކާއި ހުޅުދޫން ޓީމެއް ކަމަށެވެ.
ސްކޫލް ބަންދާއި ދިމާކޮށް މީދޫ ބޯޅަ ދަނޑުގައި ބާއްވާ މި މުބާރާތަށް ސަޕޯޓަރުންގެ ބޮޑު ތާއިދެއް ލިބޭނެކަމަށް މުބާރާތް އިންތުޒާމް ކުރާ ފަރާތުން ދެކެއެވެ.
މުބަރާތުގައި ބައިވެރިވާ ޓީމްތަކުން ޕްރެކްޓިސް ފަށާފައިވާއިރު ހިތަދޫގައި ބެއްވި މުބާރާތުން ޗެމްޕިަންކަން ނެގި ހިތަދޫ މަލްޓީ ޖީނިއަސް ޓީމް މިހާރުވެސް އަންނަނީ ފުރިހަމަައަށް ޕްރެކްޓިސް ކުރަމުންނެވެ.
މި މުބާރާތުގައި ވެސް ރައްޖޭގެ 1 ވަނަ ޑިވިޝަންގެ ކުޅުންތެރިން ފެނިގެންދާނެއެވެ. އެގޮތުން ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ޤަނީ ވަނީ މީދޫ މުލިމަތި ޔުނައިޓެޑް ޓީމްގެ ކޯޗަކަށް ހަމަޖައްސާ ޕްރެކްޓިސް ފަށާފައެވެ.
މި މުބާރާތުގައި ވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ އެއްލައްކަ ރުފިޔާއެވެ. އަދި ރަނައަޕް ޓީމަށް ހުށަހަޅާފައިވަނީ ފަންސާސް ހާސް ރުފިޔާއެވެ.