Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު ކޮވިޑު-19

އައިސީޔޫ އެންދުތައް އިތުރުކުރުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގައި ކޮވިޑް-19 ޖެހޭމީހުންގެ އަަދަދު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އައިސީޔޫ އެނދުގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ކޮވިޑް ހާލަތާއި ގުޅޭގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އައީސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ފުރިފައިވާކަމަށެވެ.

އެހެންކަމުން އައިސީޔޫ އެނދުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 12 އައިސީޔޫ އެނދު މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ. އަދި މިއަދު އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ވަކިން ހުރި އިމާރާތުގައި އިތުރު 50 އެނދު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރާކަމަށާއި، އައިސޮލޭޝަން ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލީޓީ މިވަގުތުހުރީ ގާތްގަނޑަކަށް ފުރިފައި ކަމަށާއި ވެލިދޫ އަނެއްކާވެސް އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިއަދު ވެލިދޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގައި 7109 ކޭސް ހުރި އިރު، 198 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންނެވެ.