Last Updated: June 30, 14:08
Tuesday, June 30, 2026
ރިޕޯޓް

"ޒިންމާ ނަގާނެ ފަރާތެއް ނެތް"

ހިތަދޫ ބޮޑު މަގާއި، ލިންކް ރޯޑުގެ އިތުރުން ކޮންވެންޝަން ސެންޓަރު ސަރަހައްދުގެ މަގު ބައްތި ދުވާލު ދިއްލިފައި ރޭގަނޑު ނިވިފައިވާ ވާހަކަ ދައްކާތާ އެތަކެއް މަހެއް ފާއިތުވެ ހިނގައްޖެ އެވެ. އަޅާލާނެ ބަޔަކު ނުވިއެވެ. އިންޖީނުގެ ބަލަހައްޓާ ފެނަކަ ކޯޕަރޭޝަނުން އިނގިލި ދިއްކުރަނީ ކައުންސިލަށެވެ. ކައުންސިލުން އިނގިލި ދިއްކުރަނީ ފެނަކައަށެވެ. މިކަމަށް އަދި ހައްލެއް ނުފެނެ އެވެ.

ހިތަދޫގެ މަގު ބައްތި ރޭގަނޑު ނިވި މަގު އަނދިރި ވުމުގެ ވާހަކަ ދައްކަ ދައްކާ ތިއްބާ ރޭ ހިނގި އެކްސިޑެންޓެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ވަނީ ނިޔާވެފައެވެ.
މަންމަ އާ އެކު ލިންކް ރޯޑު ކައިރިން ހިނގާފައި ދަނިކޮށް ފަހަތުން ދިޔަ ކާރަކުން ޖެހި ވިއްސައިގެން ގޮސް މަރުވި ހިތާމަވެރި ހާދިސާގައި ލިންކް ރޯޑު ނިވި އަނދިރިކޮށް އޮތުމުގެ މައްސަލަ އެބައޮތެވެ.

ކުއްލި ގޮތަކަށް މަގު އަދިރިކޮށް އޮންނަ ވާހަކަ މީޑިއާތަކުގައި ތިލަވެފައިވާ އިރު މީ އެތައް މަހެއް ކުރިން ދައްކަމުން ދިޔަ އެކަމަކު ހައްލެ ނުލިބި އޮތްކަމެއްގެ ވާހަކައެވެ. ޒިއްމާވާނެ ފަރާތެއް ނެތި ފަރުވާ ކުޑަވެފައިވާ ކަމެކެވެ.

ހަގީގަތުގައިވެސް ރޭގެ އެކްސިޑެންޓްގައި މަގު އަނދިރިކޮށް އޮތް އޮތުމަކީ އެކްސިޑެންޓް ހިގަން މެދުވެރިވި މައިގަނޑު އެއް ސަބަބެވެ. ހަމަ އެއާއި އެކު ދުއްވާ ސްޕީޑާއި މަގުން ހިނގާ މީހުންގެ ޒިއްމާވެސް ކުޑައެއް ނޫނެވެ.

މިފަދަ ކޮންމެ ހާދިސާއަކުން ގިނަ ކަންކަން އިސްލާހް ކުރަން އެބަޖެހެއެވެ. ފުލުހުންގެ ދެކުނު ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މަގު ބައްތި ނުދިއްލި މަގުތައް އަނދިރިކޮށް އޮންނާތީ އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ކައުންސިލްގައި އެދިފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ މަގު ބައްތި ތައް ނުދިއްލި އަނދިރިކޮށް އޮތުމަކީ މިފަދަ ނުރައްކާތެރި ހާދިސާ ހިގުމަށް މެދުވެރި ވެދާނެ އެއް ސަބަބުކަމަށެވެ. އެގޮތުން މީގެ ކުރިން ކޮންވެންޝަން ސެންޓަރު ސަރަހައްދު އަނދިރިކޮށް އޮތްވާ ހިނގާފައިވާ ދެ އެކްސިޑެންޓަކަށް އަލިއަޅުވާލެއްވިއެވެ.

ޝިފާން ވިދާޅުވީ މިފަދަ ނުރައްކާތެރި އެކްސިޑެންޓް މަދު ކުރުމުގައި ފުލުހުންގެ ބޮޑު ޒިއްމާއެއްވާ ކަމަށެވެ. އެގޮތުން އާއްމުންގެ ތެރޭގައި ސްޕީޑް ކޮންޓްރޯލް ކުރުމަށް ފުލުހުން ގިނަ މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.

ރޭ އެކްސިޑެންޓް ހިނގި ސަރަހައްދުގައި އިއްޔެ ފުލުހުން ޓްރެފިކް ޗެކް ކުރަމުން ދިޔައެވެ. ހާދިސާ ހިނގާފައިވަނީ ފުލުހުން އެތަނުން ދިޔަތާ 30 މިނިޓްވެސް ނުވަނީހެވެ.

ޝިފާން މިގޮތަށް ވިދާޅުވެފައިވާ އިރު އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ މަގު ބައްތީގައި އެއްވެސް މައްސަލައެއް ދިމާވެފައިވާކަމެއް އެނގިފައި ނުވާކަމަށެވެ. އަދި މަގު ބައްތި ނިއްވާފައިވަނީ އިންޖީނުގެއިން ކަރަންޓް ލޯޑު ކުޑަ ކުރުމަށް ކަމަށެވެ.

ސޯބެ މިގޮތަށް ވިދާޅުވެފައިވާ އިރު ދުވާލުގަޑީގައި ލިންކް ރޯޑާއި ހިތަދޫ ބޮޑުމަގުގެ އިތުރުން ކޮންވެންޝަން ސެންޓަރު ސަރަހައްދުގައި ޖަހާފައިވާ މަގު ބައްތި ތިބެނީ ދިއްލިފައެވެ. އެކަން ކައުންސިލްގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި "އައްޑޫލައިވް" އިންވެސް ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި މިނޫހުން އެކަމާއި ގުޅޭ ގިނަ ލިއުންތައް ލިޔެފައިވާނެއެވެ.

ކަމެއް ދިމާވާ އިރަށް އަޅުގަނޑުމެންނަށް މިފެންނަނީ އެކަމަކުން ރެކި ސަލާމަތްވާން މަސައްކަތް ކުރާތަނެވެ. އެކަމުގެ ޒިއްމާ ނެގުމުގެ ބަދަލުގައި އެކަމުން ދުރުވާ ތަނެވެ. ސަރުކާރާއި، ކަމާއި ބެހޭ ފަރާތަކުގެ އިހްމާލުން އާއްމު ރައްޔިތުންނަށް މިފަދަ ގެއްލުން ލިބެމުންދާއިރު އަދިވެސް މިތިބެނީ އަތް އުރާލައިގެންނެވެ.

ސޯބެ ވިދާޅުވީ މިފަދަ އެކްސިޑެންޓް މަދު ކުރުމުގައި އާއްމުން ހޭލުންތެރިކުރަންޖެހޭ ކަމަށެވެ. ލިންކް ރޯޑުން ކަސްރަތު ކުރާ އެތައް ބަޔަކު ހިނގަމުންދާ މަންޒަރު އަބަދުމެ ފެނެއެވެ. އެކަމާއި ގުޅިގެން ފިޔަވަޅެއް އެޅިފައި ނުވެއެވެ. އައްޑޫ ސިޓީއަކަށް ހެދުމުގެ ޒިއްމާ ބޮލު އަޅައިގެން ތިބީ ކައުންސިލުންނެވެ. މަގު ހެދުމާއި، މީހުން ކަސްތަރު ކުރަންދާނެ ތަން ހެދުމާއި، އެކަމަށް މީހުން އަހްލުވެރިކުރުމުގައި ކައުންސިލްގެ ޒިއްމާ ވަރަށް ބޮޑެވެ.

ތިން އަހަރުގެ ދައުރު ނިމެން ގާތްވެފައިވާއިރު މިފަދަ ކަންކަމާއި އަޅާލެވިފައި ނެތުމަކީ ދެރަކަމެކެވެ. މިފަދަ ކަންކަމުގައި ކައުންސިލުން ކުއްލި ބައްދަލުވުން ބާއްވާ ނޫސް ބަޔާން ނުނެރުނީތީވެ ހިތާމަ ކުރަމެވެ. އައްޑޫގެ ފަހްރުވެރި އެތައް ދަރީންނެއް މިފަދަ ނުރައްކާތެރި ހާދިސާ ތަކުގައި މަރުވަމުންދާ އިރު އަދިވެސް އެކަމާއި މެދު ހަރުދަނާ ފިޔަވަޅެއް ނޭޅެއެވެ.

މިފަދަ ކަންކަމުގައި ޒިއްމާ ނަގާނީ އަޅެފަހެ ކާކު ހެއްޔެވެ؟