Last Updated: June 30, 14:08
Tuesday, June 30, 2026
ވިޔަފާރި

20 އަހަރަށް ފަހު ހުޅުމީދޫ އަބްހަރީ ފާމަސީ ބަންދު!

ހުޅުމީދޫގައި ހުންނަ އަބްހަރީ ބޭސްފިހާރަ. ފޮޓޯ: ވީއޯއެމް

ވިހި އަހަރު ވަންދެން ހުޅުމީދޫގައި ހިންގި އަބްހަރީ ފާމަސީ މިދިޔަ މަހު ފަހުކޮޅު ބަންދުކޮށްފި އެވެ.

އަބްހަރީ ބޭސް ފިހާރައިގެ ވެރިއާ އަބްދުﷲ ޒުހައިރު ވިދާޅުވީ ބޭސް ފިހާރަ ބަންދުކުރީ އެތަނުގައި މަސައްކަތް ކުރާ ބޭރުގެ ދެ މުވައްޒަފުން ޗުއްޓީ އަށް ރާއްޖޭން ބޭރަށް ދިއުމާ ގުޅިގެން ކަމަށެވެ.

ޒުހައިރު ވިދާޅުވީ އެތަނުގައި މަސައްކަތް ކުރާނެ މުވައްޒަފަކު ލިބުނުހާ އަވަހަކަށް ބޭސް ފިހާރަ އަލުން ހުޅުވާނެ ކަމަށެވެ.

އަބްހަރީ ބޭސް ފިހާރައަކީ މިހާތަނަށް މެދުނުކެޑި ހުޅުމީދޫގައި އެންމެ ގިނަ ދުވަހަށް ހިންގި ބޭސް ފިހާރަ އެވެ.

ހުޅުމީދޫގެ އެތައް ރައްޔިތުންނެއް އަބަދުމެ ހިދްމަތް ހޯދަމުން އަންނަ މިފިހާރަ ބަންދުކުރުމާ ގުޅިގެން އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ހުޅުމީދޫގައި ހުންނަ އެސްޓީއޯ ފާމަސީން އާސަންދައަށް ބޭސް ދޫކުރަމުންއަންނަކަމުގައި ވިޔަސް އެތަނުން އާސަންދައަށް ބައެއްބޭސްތައް ލިބެން ނުހުރެ އެވެ. އަދި އެފަދަ ގިނަ ބޭސްތައް މީހުން ނަގަނީ އަބްހަރީ ބޭސް ފިހާރައިންނެވެ.

މިގޮތަށް އަބުހަރީ ފާމަސީ ބަންދުކުރުމުން އެސްޓީއޯ ފާމަސީން ލިބެންނުހުންނަ ބޭސްތައް ހޯދަން ހުޅުމީދޫ މީހުން ބޭސްސިޓީތައް ފޮނުވަން މި ޖެހެނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ހުންނަ ފާމަސީތަކަށެވެ. އެކަމާ އާއްމުން ދަނީ ބޮޑު ތަކްލީފެއް އުފުއްލަމުންނެވެ.