Last Updated: April 16, 23:13
Tuesday, April 16, 2024
ޚަބަރު

ނަޝީދަށް ދިން ހަމަލާ: ލަސްނުކޮށް ފިޔަވަޅުތައް އަޅަން ގާސިމް ގޮވާލައިފި

ގާސިމް އާއި ރައީސް ނަޝީދު - ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފިއެވެ.

ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް އަމާޒުކޮށް މިރޭ އިރާކޮޅު މާލޭގައި ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އަދި މިކަން ތަހުގީގުކޮށް ފިޔަވަޅުތައް ލަސްނުކޮށް އެޅުއްވުމަށް ގޮވާލާ ކަމަށެވެ. އަދި ނަޝީދަށާއި އަނިޔާވި ސިފައިންގެ އޮފިސަރުންނަށް އަވަސް ޝިފާއަކަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

މި ހަމަލާ ނަޝީދަށް ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާ ހިނގާފައިވަނީ ނަޝީދު ކާރު ކޮޅަށް އަރުއްވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި ނަޝީދަށް އަނިޔާވެފައިވާއިރު އެމަނިކުފާނުގެ ސެކިއުރިޓީ އާއި ބައެއް އާންމުންނަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އެމަނިކުފާނުގެ ފޯނާއި ތުރުކުރައްވައިގެން ހުންނެވި ފައިވާން އޮތީ މަގުމަތީގަ އެވެ.

އެ އަނިޔާތަކަށް ނަޝީދު މިހާރު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި ފަރުވާ ހޯދަމުންނެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އެނގިފައެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއްޗެއް ގޮއްވާލާފައިވަނީ ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައެވެ. އެއާއެކު އެ ސަރަހައްދުގައި ހުރި އެހެން ސައިކަލުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.

މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން އަންނަނީ ހަތިޔާރާއެކު މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އެލާޓް ލެވެލް ވެސް މިހާރު ވަނީ މަތިކޮށްފައެވެ.