ރާއްޖޭގެ ރައްޔިތުން އިނގިރޭސި ވިލާތަށް ދަތުރުކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.
ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ ހަލުވިމިނެއްގައި ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކޭގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް ގްރާންޑް ޝެޕްސް ވިދާޅުވީ އެގައުމުގެ ރެޑް ލިސްޓަށް މިހާރު ތިން ގައުމެއް އިތުރުކޮށްފައިވާ ކަމަށެވެ. އެ ތިން ގައުމަކީ ރާއްޖެ އާއި ނޭޕާލް އަދި ތުރުކީ އެވެ. އެ ލިސްޓުގައި މިހާރު ޖުމްލަ 43 ގައުމެއް ވަނީ ހިމަނާފައެވެ.
ރެޑް ލިސްޓުގައި ހިމަނާފައިވާ ގައުމަކަށް ފާއިތުވި 10 ދުވަސް ތެރޭގައި ދަތުރުކޮށްފައިވާ މީހެއްނަމަ ޔޫކޭ އަށް އެތެރެ ނުވެވޭނެއެވެ. މި ފިޔަވަޅުން ހަމައެކަނި އިސްތިސްނާ ވާނީ ޔޫކޭ އަދި އައިރިޝް ޕާސްޕޯޓެއް އޮތް މީހުންނެވެ. އަދި އެފަދަ މީހުންވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 500 އިން މަތީގައެވެ. އިއްޔެ އެކަނިވެސް 703 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުތެރޭގައި މި ބަލީގައި ރާއްޖެއިން ވަނީ 8 މީހަކު މަރުވެފައެވެ.
ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 7000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.