މަޖިލީސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ދެވުނު މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.
ބްރާސްފަތި ދުވަހުގެ ރޭ 08:27 ހާއިރު ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ގޮށްވާލި މި ހާދިސާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރައީސް ނަޝީދަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެންމެ ފަހުން އެ ހޮސްޕިޓަލުން ބުނެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ކްރިޓިކަލް ކަމަށާއި، އޮންނެވީ ކްރިޓިކަލް ކެއާގައި ކަމަށެވެ.
މިހަމަލާއާއެކު ފުލުހުންނާއި އެމްއެންޑީއެފްގެ ޓީމްތައް އެސަރަހައްދަށް ގޮސް އެވިޑެންސް އެއްކޮށް ތަހުގީގުގެ މަސައްކަތްފެށި އިރު އަދިވެސް އެ ސަރަހައްދު އޮތީ ބަންދުކޮށްފައެވެ. ތަހުގީގަށް އެއްބާރުލުމަށް ބޭރުގެ އެކްސްޕާޓުން މިއަދު ރާއްޖެ އަންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
މިހަމަލާއަށް މިހާރު 38 ގަޑިއިރު ވެފައިވާއިރު، އަދިވެސް މީހަކު ހައްޔަރު ކުރިކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުލުހުން އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރެގެން އެއް ފަރާތެއް އައިޑެންޓިފައި ކޮށްފައިވާކަމަށެވެ. އަދި އިތުރު ހަތަރު ފަރާތެއް ވެސް އައިޑެންޓިފައިކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މީހަކު އަދިވެސް ހައްޔަރު ކޮށްފައެއްނުވެއެވެ.
މިފަދަ ނުރައްކާތެރި ހަމަލާއެއް އިސްލާމީ މި ކުޑަ މުޖުތަމައު ތެރޭގައި ދޭންކެރުނު ބަޔަކު މިހާއިރު ވާއިރު ހައްޔަރުނުކުރެވި ތިބުމަކީ ކަންބޮޑުވާކަމެއްކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.