ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވަމުންދާތީ ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން 10 ދުވަހުގެ ކަރަންޓީން މުއްދަތެރއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް އެގައުމުން އަންގައިފިއެވެ.
މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ކޮވިޑާއި ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން އިނގިރޭސިވިލާތުން "ރެޑް-ލިސްޓް" ކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމަނާފައިވާކަމަށެވެ. އެގޮތުން މޭ 12 ވަނަ ދުވަހުގެ ފަތިހު 04:00 އިން ފެށިގެން އިނގިރޭސިވިލާތަށް އެތެރެވާ ދިވެހިންވެސް 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެކަމަށެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމާއެކު އިނގިރޭސިވިލާތާއި އަޔަންލެންޑް ރައްޔިތުން އަދި އެޤައުމުތަކުގެ ރަށްވެހިކަމުގެ ހައްޤު ލިބިފައިވާ މީހުން ނޫން މީހުން އެޤައުމަށް އެތެރެވުން ވަނީ މަނާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިނގިރޭސިވިލާތަށް އެތެރެވުމުގެ ހުއް ލިބިފަިއވާ ފަރާތްތަކުންވެސް އެ ޤައުމަށް އެތެރެވުމުގެ 10 ދުވަސް ކުރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާނަމަ ނުވަތަ ޓްރާންސިޓް ކޮށްފައިވާނަމަ، އެ ޤައުމަށް އެތެރެވުމަށްފަހު އެ ޤައުމުގެ ސަރުކާރުން ކަނޑައަޅާ މަރުކަޒެއްގައި 10 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަންޖެހޭނެ ކަމަށާއި، ކަރަންޓީންގެ 2 ވަނަ އަދި 8 ވަނަ ދުވަހު ކޮވިޑް ޓެސްޓް ހަދަންޖެހޭނެ ކަމަށް އެ ގައުމުން އަންގާފައިވާކަމަށެވެ.
އެހެންކަމުން އިނގިރޭސިވިލާތަށް ދަތުރުކުމަށް ގަސްދުކުރައްވާ ދިވެހިން މިކަންކަން ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.