Last Updated: June 30, 14:08
Tuesday, June 30, 2026
މުނިފޫހިފިލުވުން

އަޖޭ އާއި ކާޖޮލް ފުވައްމުލަކަށް!

އިންޑިއާގެ ބޮލިވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އަޖޭވްގަން އާއި ކާޖޮލް އަންނަ ޑިސެމްބަރު މަހު 1 ވަނަ ދުވަހު ފުވައްމުލަކަށް ޒިޔާރަތްކުރުމަށް ހަަމޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ބުނެފި އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން ބުނީ ބައިނަލްއަގްވާމީ އެއިޑްސް ދުވަސް ފާހަނގަ ކުރުމަށް ބާއްވާ ރަސްމިއްޔާތަށް "ދިލް ކިޔާ ކަރޭ" އާއި "ޔޫ މީ އޯރް ހަމް" ފަދަ ފިލްމްތަކުގައި އެކްޓްކޮށްފައިވާ އަޖޭ އާއި ކާޖޮލްގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ވަޑައިގަންނަވާނެ ކަމަށެވެ.

ބައިނަލް އަގްވާމީ އެއިޑްސް ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ދިގުދެމިގެންވާ ހަރަކާތްތަކެއް ބޭއްވުމަށް ފުވައްމުލަކު ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ޓްރޭނިންގ ސެޝަންތަކެއް ބޭއްވުމާއި ކަމާއި ގުޅޭ ސާވޭ އެއްކުރުމުގެ އިތުރުން އާންމު މައުލޫމާތު ދިނުމާއި، ޒުވާނުންނަށް ހާއްސަ ކޮށްގެން ޕިކްނިކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ. އަދި ސަގާފީ އައިޓަމްތަކެއް ހިމެނޭ ރޯޑް ޝޯއެއްގެ އިތުރުން ލައިޓް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ކައުންސިލުން ބުނީ ކާޖޮލް އާއި އަޖޭ ފުވައްމުލަކުގެ އާސާރި ތަންތަން ބަލާލުމަށް ޒިޔާރަތް ކުރާ ވަގުތު އެދެތަރިންނާއި އެކު ފޮޓޯ ނެގުމުގެ އިންތިޒާމް ރައްޔިތުންނަށް ހަމަޖެހިފައި ވާނެ ކަމަށެވެ.

ކާމިޔާބް ގިނަ ފިލްމްތައް ކުޅެފައިވާ ކާޖޮލްއަކީ މިހާރު ވެސް ސިއްހީ އެކިއެކި ޕްރޮގްރާމްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ތަރިއެކެވެ. އެގޮތުން ބަލިތަކުން ރައްކާތެރިވުމަށް ގިނަގިނައިން އަތް ދޮވުމަށް ހާއްސަކޮށްގެން އިންޑިއާގައި ކުރިއަށް ގެންދާ ކެމްޕޭނުގައި ކާޖޮލް ބައިވެރިވެ އެވެ.

އެކަން ޕްރޮމޯޓް ކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެ ރޭ އޭނާ ވަނީ ސޮނީ ޓީވީން އަމީތާބް ބައްޗަން ހޮސްޓް ކުރާ "ކޯން ބަނޭގާ ކްރޯރްޕަތީ" ގައި ވެސް ބައިވެރިވެފަ އެވެ.