Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ބޮމުގެ ހަމަލާއާ ގުޅިގެން މާލެއާ ހުޅުމާލޭގައި ފުލުހުންގެ އޮޕަރޭޝަންތަކެއް

ހުޅުމާލޭގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން-- ފޮޓޯ: ސޯޝަލްމީޑިއާ

ބްރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފަިއވާ ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން މާލެއާއި ހުޅުމާލޭގައި އޮޕަރޭޝަންތަކެއް ކުރިއަށް އެބަގެންދެއެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ވަނީ އެ ހަމަލާއާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ދީފައެއްނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިވަގުތު އަންނަނީ އެ ހަމަލާއާ ގުޅިގެން މާލެ އާއި ހުޅުމާލޭގައި އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

މާލޭގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދަނީ އަލިކިލެގެފާނު މަގުގައި ހުރި ގ. ގަދަފެހިގެ ގޯޅި ތެރޭގައި ހުރި ގެއެއްގައެވެ. އަދި ހުޅުމާލޭގައި ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދަނީ ރަބަރުގަސްމަގު 4ވަނަ ނަމްބަރު ގޯޅީގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނެފައިވަނީ މިކަންކަމާއި ގުޅޭ އިތުރު ތަފްސީލު މިއަދު މެންދުރުފަހު ހިއްސާ ކުރާނެ ކަމަށެވެ.