Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

ރޭޒާ ފުކަކުން ޖެހި ރައީސް ނަޝީދުގެ ހިތާ ދިމާލުން ހަތަރުވަނަ މޭކަށިގަނޑު ފުނޑިފައިވޭ: ޑރ. ޝާފިއު

ރައީސް ނަޝީދުގެ ހަށިގަނޑަށް ލިބިފައިވާ ގެއްލުންތައް--

ރޭޒާ ފުކަކުން ޖެހި ރައީސް ނަޝީދުގެ ހިތާ ދިމާލުން ހަތަރުވަނަ މޭކަށިގަނޑު ފުނޑިފައިވާ ކަމަށް އޭޑީކޭއިން ހާމަކޮށްފިއެވެ.

ރައީސް ނަޝީދުގެ ހާލަތާއި ގުޅޭގޮތުން އޭޑީކޭއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝާފިއު ވިދާޅުވީ ރޭޒާ ފުކަކުން ޖެހި މޭކަށީގަނޑުގެ ހަތަރުވަނަ ރިބް ފުނޑިފައިވާ ކަމަށެވެ. އަދި އެ ރޭޒާފުށް ކިރިޔާވެސް ތިރިވިނަމަވެސް ހެރޭނީ ހިތަށްކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނިޝާން ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދުގެ ފުއްޕާމެއަށް ވެސް ގެއްލުން ލިބިފައިވާކަމަށެވެ. އެގޮތުން ބަނޑު ތެރޭގައި ވެސް ތިން ދަނގަޑު އެތިކޮޅު އޮތް ކަމަށާއި ބަނޑުގެ މަސްގަނޑު ފޫއަޅައި އެތެރެއަށް ވެސް ލޭ އެޅިފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރުން ވިދާޅުވީ ބޮލަށް އަމާޒުވި އެތިކޮޅުތައް ސިކުނޑިއާ ހަމަޔަށް ނުގޮސް ސަލާމަތްވެފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ ހޮސްޕިޓަލަށް ގެނައިތާ 10 މިނެޓް ތެރޭގައި ރައިސް ނަޝިދު އޮޕަރޭޝަން ތިއޭޓާރއަށް ބަދަލުކުރެވުނު ކަމަށެވެ. އަދި ރައީސް ނަޝީދު ގެނައުމުން ފުރަތަމަ މަސައްކަތް ކުރީ ލޭ މަނާ ކުރުމަށް ކަމަށާއި، ހަށިގަނޑުގެ އެތެރޭގައި ހުރި އެއްޗެހި ފާގަވީ ސީޓީސްކޭނަށްފަހު ކަމަށެވެ.

ޑޮކްޓަރުން ވިދާޅުވީ މިއަދު ހެނދުނު ރައީސް ނަޝީދު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި، އަދި އަމިއްލައަށް ނޭވާލުމުގައި މައްސަލައެއް ނެތްކަމަށެވެ. އަދި ލޭގެ ޕްރެޝަރު ހަމައަކަށް ގެނައުމަށް ދެމުންދިޔަ ބޭސްވެސް ހުއްޓާލާފައިވާކަން ފާހަގަކުރެއްވިއެވެ.

ނުރައްކާބޮޑު ހާލަތުން މިހާރު ރައީސް ނަޝީދު ސަލާމަތްވެފައިވީ ނަމަވެސް ދެން ބަލަންޖެހޭނީ އިންފެކްޝަނެއް އުފެދޭތޯ ކަމަށާއި، އިންފެކްޝަނެއް އުފެދިއްޖެނަމަ ގުނަވަނަކަށް ގެއްލުން ލިބުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޑޮކްރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން އެކަމަށް ރައީސް ނަޝީދުގެ ގާތުން މޮނީޓަރ ކުރަމުން ގެންދާކަމަށް ވިދާޅުވިއެެވެ.