Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

މި ދުވަސްވަރު ރާއްޖޭގައި އޭއެފްސީ ކަޕް ކުޅޭތީ މައުމޫންގެ ކަންބޮޑުވުން

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާ މި ދުވަސްވަރު ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗުތަކެއް ކުޅޭތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހުގެ 11 ވަނަ ދުވަހު އޮންނާނެއެވެ. މި މެޗު ކުޅުމަށް ބެންގަލޫރު އެފްސީގެ ޓީމުން މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

މި މެޗުގެ އިތުރުން މުބާރާތުގެ ދެކުނު އޭޝިއާގެ މެޗުތައް މި މަހުގެ 14 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މެޗުތަކަށް ސަރުކާރުންނާއި އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

އެކަމާ ގުޅިގެން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮވިޑްގެ އާ ރާޅެއް ކޮންޓްރޯލް ނުކުރެވިގެން އުޅޭ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗުތަކެއް ކުޅޭތީ އެކަމާ ސުވާލު އުފެދޭ ކަމަށް ވިދާޅުވެފައެވެ.

ކޮވިޑްގެ ނުުރައްކާ ބޮޑުވެ އޭއެފްސީ ކަޕް ފަސްކުރުމަށް ރާއްޖެއިން އެދުނު ނަމަވެސް އޭއެފްސީ ކަޕް ފަސް ކުރެވެން ނެތް ކަމަށް އޭއެފްސީ ވަނީ ބުނެފައެވެ.

މި އަހަރުގެ އޭއެފްސީ ކަޕް ސެންޓްރަލައިޒްކޮށްގެން ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު ކޮވިޑާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ރާއްޖޭގައި ބާއްވަން ނިންމިއެވެ. އެކަމަކު ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.