ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި ޗެލްސީން 2-1 އިން މެންޗެސްޓަރ ސިޓީ ބަލިކޮށްފިއެވެ.
މިރޭގެ މެޗުން މޮޅުވެގެން ސިޓީ އަށް ލީގު ޗެމްޕިއަންކަން ލިބެން އޮތްއިރު، ލީގުގެ އެއްވަނައިގައި އެޓީމު މިހާރު އޮތީ 80 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 67 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު މިރޭގެ މޮޅާއެކު 64 ޕޮއިންޓާ އެކު ޗެލްސީ ވަނީ ލީގުގެ ތިންވަނަ އަށް އަރާފައެވެ.
ދެ ޓީމުން ވެސް ގިނަ ބަދަލުތަކާއެކު މި މެޗަށް ނިކުތްއިރު، މެޗުގެ 44 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ ސިޓީ އަށް ލީޑު ނަގާދީފައެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ސިޓީ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސާޖިއޯ އަގުއެރޯ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފްގައި ޗެލްސީން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު މެޗުގެ 63 ވަނަ މިނެޓްގައި ހާކިމް ޒިޔެކް ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މި ގޯލަށްފަހު ވެސް ޗެލްސީން ދިޔައީ ސިޓީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވާނާ ދިން ޕާހަކުން ޑިފެންޑަރު މާކޮސް އޮލޮންސޯ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ އާސެނަލް އާއެވެ. ސިޓީ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.