Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ބެންގަލޫރު އެފްސީ ރާއްޖެއިން ފޮނުވާލަނީ

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާތީ އޭއެފްސީ ކަޕްގެ ކޮލިފިކޭޝަންގެ ފަހު ބުރުގައި ރާއްޖޭގެ ކްލަބު އީގަލްސް އާއި ދެކޮޅަށް ކުޅުމަށް އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެއިން ފޮނުވާލަން ނިންމައިފިއެވެ.

ހާއްސަ ހުއްދައިގެ ދަށުން މިދިޔަ ހުކުރު ދުވަހު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާއިރު، އެ ކުޅުންތެރިންނަށް އޮތީ ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ނަމަވެސް މިއަދު އެޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެޓީމުން ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ދޫކޮށް އެޓީމު ވަގުތުން ދާންޖެހޭ ކަމަށެވެ.

"އެ މެޗު މިހާރު ނުބޭއްވޭނެކަން އެފްއޭއެމް އަށް ވާނީ އަންގާފައި. އަދި އެޓީމު ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށް ވެސް ވާނީ އަންގާފައި" މަހުލޫފް ވިދާޅުވިއެވެ.

އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުގެ އިތުރުން މުބާރާތުގެ ދެކުނު އޭޝިއާގެ މެޗުތައް މި މަހުގެ 14 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް އޮޮތީ ނިންމާފައެވެ. ނަމަވެސް މި ހިނގާދިޔަ ކަމުގެ ސަބަބުން އެ މެޗުތައް ފަސްކޮށްދޭން އޭއެފްސީގައި އެދޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިފަދަ ނިންމުމެއް ނިންމާފައިމިވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި ނުރައްކާވެފައިވާ މި ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ މެޗެއް މުޅި ދުނިޔެއިން ވެސް މިވަގުތު ކޮވިޑްގެ ހާލަތު އެންމެ ގޯސްކޮށް އޮތް އިންޑިއާ އިން ޓީމެއް އަންނަން ސަރުކާރުން ހާއްސަ ހުއްދައެއް ދިނުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.