Last Updated: June 30, 14:08
Tuesday, June 30, 2026
ސިޔާސީ

އަދާލަތުގެ 60 މެމްބަރަކު އެމްޑީޕީ އަށް

އަދާލަތު ޕާޓީއަށް ނިސްބަތްވާ 60 މެމްބަރުން ރޭ ހިތަދޫ އުތުރުދާއިރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޑީޕީ އަށް ސޮއިކޮށްފި އެވެ.

އެ ބޭފުޅުން އެމްޑީޕީއަށް ސޮއި ކުރީ ރަނިންމޭޓް ޑރ. މުސްތަފާ ލުޠުފީއާއި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމްއާއި އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ)ގެ ހާޒިރުގަ އެވެ.

އަދި މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝެއިހް ހުސެއިން ރަޝީދުވެސް ބައިވެރިވި އެވެ.

މި ރަސްމިއްޔާތުގައި ޝެއިހް ހުސެއިން ރަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވެސް ދީނަށް ލޯބި ކުރާ މެންބަރުންތަކެއް ތިބި ޕާޓީއެއް ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި އިސްލާމް ދީނުގެ ކަންކަން ރާއްޖޭގައި ފުޅާކޮށްފައިވާ ކަމަށެވެ.

އަދި އަދާލަތު ޕާޓީ އަކީ މިހާރު ދީނީ ޕާޓީ އެއް ނޫން ކަމަށާއި، އެޕާޓީއިން ދަނީ ދީން ހަލާކު ކުރަމުން ކަމަށް ހުސެއިން ރަޝީދު ވިދާޅުވިއެވެ.

އަދި އަދާލަތު ޕާޓީއަކީ ލާދީނީ ޕާޓީއެއް ކަމަށްވެސް ޝެއިޚް ހުސައިން ރަޝީދު އަޙުމަދު ވިދާޅުވި އެވެ.

އައްޑު އަށް ނިސްބަތްވާ ދީނީ ޢިލްމުވެރިންގެ ބަޔަކުވަނީ ރޭ، ޑރ. މުސްތަފާ ލުތުފީއާއި ބައްދަލު ކުރައްވާ އެމްޑީޕީގެ ދީނީ ސިޔާސަތަށް އެބޭފުޅުން ތާޢީދު ކުރައްވާކަން ވެސް ހާމަ ކުރައްވާފަ އެވެ.