ރައީސް މުހައްމަދު ނަޝީދަށް ލިބިފައިވާ ޒަހަމްތަކުން ރިކަވާ ވަމުން އަންނަކަމަށް އާއިލާއިން ބުނެފިއެވެ.
ރައީސް ނަޝީދުގެ ބޭބެ އިބްރާހިމް ނާޝިދް މިއަދު ހެނދުނު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދާ ވާހަކަ ދެއްކެވި ކަމަށާއި، އަދި ލިބިފައިވާ ޒަހަމްތަކުން މިހާރު ރިކަވާ ވަމުން އަންނަކަމަށެވެ.
ނާޝިދްގެ ޓްވީޓްގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދު މިހާރުވެސް އުޅުއްވަނީ މަސައްކަތްތައް ޕްލޭން ކުރެއްވުމަށްކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅުގެން އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހަމަލާއާ ގުޅިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރިއިރު ގެންދިޔައިރު، މިހާރު ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ވަމުން އަންނަކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
މި ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނި ހައްޔަރުކޮށްފައެވެ. ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.
އެ ތިން މީހުންގެ ބަންދަށް ވެސް އިއްޔަ ކްރިމިނަލް ކޯޓުން 15 ދުވަސް ވަނީ ޖަހާފައެވެ.