ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދޭ 65 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުން ކަމަސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ފަހުން އައި ސާޖާއި އެކު އައިސީޔޫގައި ފަރުވާދޭން ޖެހިފައިވާ ޒުވާނުންގެ އަދަދު އިތުރުވެފައިވާކަމަށެވެ.
ޑރ. މުހައްމަދު އިސްމާއިލް ވިދާޅުވީ މިހާރު އައިސީޔޫގައި ފަރުވާ ދޭންޖެހިފައިވާ މީހުންގެ ކިބައިން އަލާމާތްތައް ފެންނަން ފަށާތާ 10 ދުވަހުގެ ތެރޭގައި ހާލު ސީރިއަސްވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ފުއްޕާމޭ ހަލާކުވެ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން ގިނަ މީހުންނަކީ ވެކްސިން ނުޖަހާ މީހުން ކަމަށެވެ. އެގޮތުން މި ވަގުތު އައިސީޔޫގައި ތިބި މީހުންގެ ތެރެއިން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވަނީ ތިން މީހުން ކަމަށާއި، ދެ ޑޯޒް ފުރިހަމަ ކޮށްފައިވަނީ އެންމެ މީހެއް ކަމަށެވެ.