މުޖުތަމައުން މިއަދު ފެންނަމުން ދާ ނުރަނގަޅު އެންމެހައި ކަންކަމުން އެނގެނީ، އިސްލާމްދީނުގެ ސައްހަ އަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚިތާބުގައެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން މިއަދު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، ލޯތްބާއި އޯގާތެރިކަމާއެކު ކުޑަކުދިން ބަލައި ބޮޑުކުރުމަށް ކަމަށެވެ. ކޮންމެ ކުޑަކުއްޖަކާ މެދުވެސް ދެކެންވީ، ތިމާގެ އަމިއްލަ ދަރިއެއް ފަދައިންކަން ފާހަގަކޮށް ރައިސްގެ ހިތާބުގައި ވިދާޅުވެފައިވަނީ އެހެން މީހުންނަށް އިޙްތިރާމްކުރުމާއި ކިޔަމަންތެރިވުމުގެ ސިފަ، އެކުދިންގެ ކިބައިން ފެންނާނީ، އެ ކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކުން ކަމަށެވެ.
ރައީސް ވިދާޅުވީ އިސްލާމްދީނުގެ ސައްހަ އަޤީދާގެ މަތީގައި، ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.
"ޒުވާން ފުރާއަށް އަޅައިގެން އަންނަ ދުވަސްވަރު، ބައިބައިކުރުމާއި ފަސާދަކުރުމުގެ ފިތުނަވެރި އެންމެހައި ފިކުރުތަކުން، އެ ކުދިންގެ ސިކުނޑިތައް ތަޣައްޔަރުކުރިޔަ ނުދިނުމަށްޓަކައި، އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހާނުވަން ޖެހިފައިވާ މިންވަރެވެ. މިއީ، މިއަދު ކޮންމެ މަންމައަކާއި ކޮންމެ ބައްޕައެއް، އަދި ކޮންމެ ބެލެނިވެރިއަކާއި ކޮންމެ މުދައްރިސަކުވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމެކެވެ." ރައީސް ސޯލިހްގެ ހިތާބުގައިވެއެވެ.
ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދީ އެ ހައްޤުތައް ފުރިހަމައަށް ލިބިދިނުމަކީ، އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމަކާއި ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދީގެން، ސަރުކާރުން ކުރަމުން އަންނަ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށްދީ، އެ ކުދިންނަށް އިޖްތިމާއީ ރައްކާތެރިކަމާއި އަދުލު އިންސާފު ހޯދައިދިނުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް އެކުލަވާލާ މިދިޔަ އަހަރު ތަންފީޒު ކުރަން ފަށާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމަކީ ޤާނޫނަކުން އެކަނި ކުރެވޭ ވަރަށްވުރެއް މާފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.