Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯވާނެ، ސަމާލުވޭ!

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މުއްދަތުގައި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ އަދި ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ފަސް ދުވަހު ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާ ތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުއްވުމަށްވެސް މެޓް އޮފީހުން އެދިފައިވެއެވެ.