Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އިންތިހާބީ ޝަކުވާގެ ހަ މައްސަލައެއް ކޯޓުން ބަލައިގެންފި

ދިވެހިރާއްޖޭގަެ ހައިކޯޓު --

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި ގުޅިގެން ހުށަހެޅި ޝަކުވާތަކުގެ ތެރެއިން ހަ ޝަކުވާއެއް ހައިކޯޓުން ބަލައިގެންފިއެވެ.

ހައިކޯޓުން ބުނީ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 އަށް ހަމަވެފައިވާ ކަމަށެވެ.

އެގޮތުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، އިންތިޚާބީ ޝަކުވާގެ 15 މައްސަލަ ހުށަހެޅުނު ކަމަށާއި މީގެ ތެރެއިން ހަ މައްސަލައެއް ބަލައިގަނެ ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ހައިކޯޓުން ބުނެއެވެ.

ހައިކޯޓަށް މިހާތަނަށް ބަލައިގަނެފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލަތަކަކީ ހއ. ފިއްލަދޫ، ށ. ބިލައްފަހި، ކ. ތުލުސްދޫ، ތ. ކަނޑޫދޫ އަދި ލ. މާބައިދޫއާ ގއ. ކޮނޑޭގެ އިންތިޚާބާ ގުޅޭ މައްސަލަތަކެވެ.

އަދި މިހާތަނަށް ބަލައިގަނެފައި ނުވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަ މުރާޖަޢާކޮށްދިނުމަށް ހުށަހެޅިފައިވާ ކަމަށް ހައިކޯޓުން ބުނެއެވެ.