އައްޑޫގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތް "ގްލޯބަލް ލިންކް ޖެލެންޖް"ގައި ބައިވެރިވާ ޓީމުތަކުން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
މުބާރާތުގައި ބައިވެރިވާ ހަ ޓީމުން މޮޅެތި ކުޅުންތެރިން ޓީމަށް ހޯދާ، އެކުވެރިކަމުގެ މެޗްތައް ކުޅެމުން އަންނަ އިރު މިފަހަރުގެ މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެއްކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.
މިއަހަރު މާޗް މަހުގެ ތެރޭގައި ހިތަދޫ ޒޯން ސްޓޭޑިއަމްގައި ބޭއްވި ގްލޯބަލް ލިންކް ޗެލެންޖަކީވެސް ވަރަށް ފޯރިގަދަ މުބާރާތެކެވެ.
އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ މުބާރާތުގައި ބައިވެރިވަނީ މީދޫން 2 ޓީމާއި، ފޭދޫން 2 ޓީމުގެ އިތުރުން ހިތަދޫ ޓީމަކާއި ހުޅުދޫ ޓީމެކެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ހިތަދޫ މަލްޓީ ޖީނިއަސް ޓީމުން ޕްރެކްޓިސް ފަށާފައިވާ އިރު މިޓީމުގައި މަޝްހޫރު މިޑްފީލްޑަރ ޝަންވީލް ގާސިމް (ބޮންޑާ) އާއި ގައުމީ ޓީމުގެ މެދުތެރެ ބަލަަހައްޓަމުން އަންނަ ބަކާ އާއި ނައްޓޭ ކުޅޭނެއެވެ.
ފަހަށް ބެލެހެއްޓުމަށް ވީބީގެ ބެންޖޯ އެޓީމާއި ގުޅޭ އިރު ރަށުން ބޭރު ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރު ރޮނާ އެޓީމާއި ގުޅޭނެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ބެލެންސް އެއްޓީމަކީ މަލްޓީ ޖީނިއަސް ޓީމެވެ.
މީދޫން 2 ޓީމު ނަގާފައިވާ އިރު އެންމެ ފަހުގެ މުބާރާތުގެ މޮޅު ކުޅުންތެރިއާ ހޯދި ފުވައްމުލަކު ޠާހާ މުހައްމަދު (ޓޮޓީ) ވަނީ މީދޫ ޗެއިން ޓީމާއި ގުޅިފައެވެ. އެންމެ ފަހުގެ މުބާރާތުގައި ހިތަދޫ އެމްސީ ޔުނައިޓެޑް އަށް ކުޅުނު ޓޮޓީ އާއި އެކު އެޓީމަށް ކުޅުނު ފުވައްމުލަކު ޕެލޭވެސް ވަނީ މީދޫ ޗެއިންއާއި ގުޅިފައެވެ.
މީދޫގެ ދެވަނަ ޓީމަށް ގައުމީޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލް އަނީ ގެނެސްފައިވާ އިރު ހުޅުދޫ ޓީމުގައި ކުރީގެ ގައުމީޓީމަށް ކުޅުނު އައްމަޓީ ވަނީ ގެނެސްފައެވެ. އަދި އިތުރު ކުޅުންތެރިން ގެނައުމަށް ދަނީ މަސައްކަތް ކުރަމުނެނެވެ.
ފޭދޫ 2 ޓީމުގެ ތެރެއިން 1 ޓީމަކީ ޒުވާން މޮޅު ކުޅުންތެރިން ހިމަނައިގެން ނަގާފައިވާ ޓީމެކެވެ. މި ޓީމުގައި އެންމެ ފަހުގެ މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއާ ބުއްލީވެސް ހިމެނެއެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރުވެސް އެކުވެރިކަމުގެ މެޗެެއް ކުޅޭނެއެވެ. އެގޮތުން ފޭދޫ އާއި މީދޫ 13 ޓީމު ކުޅޭނެއެވެ.