Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

ކޮވިޑް ހަރަދުތައް 3.3 ބިލިއަނަށް

ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން ކުރި ހަރަދުތައް 3.3 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާލާއިރު މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް، ކޮވިޑް-19 އާ ގުޅޭ ސިއްހީ ކަންކަމަށް 1.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ފާއިރުވި ހަފްތާގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އައިޖީއެމްއެޗްގެ އޮޕަރޭޝަނަލް ކަންކަމަށެވެ. އެގޮތުން އެ ހޮސްޕިޓަލްގެ އޮޕަރޭޝަނަލް ކަންކަމަށް 1.8 މިލިއަން ރުފިޔާ ފާއިތުވި ހަފްތާ ތެރޭގައި ހަރަދު ކޮށްފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އިދާރާއަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރެވެ. ޑިޒާސްޓާއަށް 867.9 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާއިރު ހެލްތު މިނިސްޓްރީ އަށް 469.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނު ގެންނަން ކުރި ހަރަދު އުޅެނީ 458.5 މިލިއަން ރުފިޔާގަ އެވެ.

މީގެ އިތުރުން ކޮވިޑާއި ގުޅިގެން އިގްތިސާދީ ކަންކަމަށް 1.7 ބިލިއަން ރުފިޔާގެ ހޭދައެއް ކޮށްފައިވާއިރު އިންކަމް ސްޕޯޓް އެލަވެންސަށް 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިއާއެކު ކޮވިޑް-19ގެ ހަރަދުތަކުގެ ގޮތުގައި މިހާތަނަށް ޖުމުލަ 3.3 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.