Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

އެމްއެމްޕީއާރްސީ ވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން ކަށަވަރުވެއްޖެ: ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހުމަދު-- ފޮޓޯ: އަވަސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުން ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ ސަލާމަތްނުވާކަން ކަށަވަރު ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީ ލިސްޓް ހާމަކުރަން އިންކާރުކޮށް، ވަކި ނަންތަކެއް މަޖިލީހުން އުނިކުރަން އުޅުމަކީ ޣައިރުދުސްތޫރީ ކަމެއް ކަމަށެވެ.

މީގެ އިތުރުން މެޖޯރިޓީގެ ނަމުގައި ވަކި ފިކުރަކަށް، ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ބާރު ލިބިގެންނުވާކަމަށްވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.

"މިވައްކަމުން އެމްޑީޕީ ސަލާމަތްނުވާކަން މިހާރު ކަށަވަރުވެއްޖެ." ޑރ. ޖަމީލްގެ ޓްވީޓްގައިވެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ލިސްޓް އާންމު ކުރުމަށް ގޮވުމަކީ ޒިންމާދާރު ކަމެއް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވާހަކައާއި 241 ކޮމިޓީއަށް އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމްހެ ބަދަލުގައި އީވާ ހަމަޖެއްސި ހަބަރާ އެކުއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވެފައިވާ މީހުންގެ ލިސްޓް 241 ކޮމިޓީއަށް މިދިޔަ ބްރާސްފަތި ދުވަހު ދީފައިވާއިރު، ކުއްލި ގޮތަކަށް ހަސަން ލަތީފްގެ ވާހަކަ ބަދަލުވުމުން ގިނަ ބަޔަކު އަންނަނީ އެކަން ސޯޝަލްމީޑިއާގައި ފާހަގަކޮށް އެކަމަށް ފާޑުކިޔަމުންނެވެ.