Last Updated: April 24, 10:06
Wednesday, April 24, 2024
ޚަބަރު

މީރާއަށް ލިބުނު އާމްދަނީ ލަފާކުރިވަރަށް ވުރެއް އިތުރު

ދައުލަތުގެ ޓެކްސް އިދާރާ - ފޮޓޯ: މީރާ

މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ)އަށް 82.6 އިންސައްތަ އާމްދަނީ އިތުރަށް ލިބިފައިވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާލާއިރު މިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.41 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 173.8 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނިއަށް ވުރެއް މި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އިތުުރުވި ސަބަބެއްގެ ގޮތުން މީރާއިން ފާހަގަކޮށްފައިވަނީ ޓީ.ޖީ.އެސް.ޓީ، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މީގެ އިތުރުން އޭޕްރިލް މަހު ދައުލަށް ލިބިފައިވާ އާމްދަނީގެ 20 އިންސައްތަ ހިއްސާ ކުރަނީ ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާގެ ބޮޑު އަދަދެއް މިދިޔަ މަހުގެ ތެރޭގައި ބަލައިގަނެފައިވާތީ އެބައިކަމަށެވެ.

އެޕްރީލް މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 849.61 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޓޫރިޒަމް ލޭންޑް ރެންޓުން ވަނީ 139.12 މިލިއަން ރުފިޔާ ލިބިފައެވެ.