މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ރޭ ފަތިހު ނެރުނު ޔެލޯ އެލާޓް ހަވީރާ ހަމައަށް ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރޭ ފަތިހު ޔެލޯ އެލާޓް ނެރެފައިވަނީ ގއ. އަތޮޅޫން އައްޑޫ ސިޓީއާ ހަމައަށް ފަތިހު 05:15 އިން ހެނދުނު 09:00 އަށެވެ. ފަހުން މެތް އޮފީހުން ވަނީ އެ ޔެލޯ އެލާޓް ހެނދުނު 09:00 އިން މެންދުރު 01:00 އަށް ލ. އަތޮޅުން އައްޑޫސިޓީއަށް ނެރެފައެވެ.
އަދި މިހާރު މެޓް އޮފީހުން ވަނީ އެ ޔެލޯ އެލާޓްގެ މުއްދަތު ހަވީރު 05:00 އާ ހަމައަށް އިތުރުކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަހަރުގެ ހުޅަނގު މޫސުން ރާއްޖެ ސަރަޙައްދަށް ފެށެން ކައިރިވުމާއި ގުޅިގެން، މާދަމާއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި މުއްދަތުގައި އާންމު ގޮތެއްގައި ގަޑިއަކު 5 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑުތައް ގަދަވެ އަދި ބައެއް ރަށްތަކަށް އުދައެރުންވެސް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.