Last Updated: March 28, 16:38
Thursday, March 28, 2024
ޚަބަރު

މާލޭގައި ހަވީރު 4 އިން ފެށިގެން ކާފިއު ހިންގަނީ

ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް މާލޭގައި ކާފިއު ހިންގުމަށް ނިންމައިފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅު އަޅަން ނިންމާފައިވަނީ އެއް ހަފްތާގެ މުއްދަތަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން އެޗްޕީއޭ އިން ވަނީ ހަފްތާގެ މުއްދަތަކަށް މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުމަށް އަަންގާފައެވެ. އަދި ޕޮލިސް ޕަރމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު އޮންނާނެ ކަމަށާއި ނަމަވެސް ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑި އިރަށް ބަންދު ކުރާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެއިތުރުން ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ވެސް ވަނީ ނިންމާފައެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވަމުން އަންނަ އިރު ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިވަނީ 1000 އިން މަތީގައެވެ. އެގޮތުން އިއްޔެ 1204 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި މިވަގުތުވެސް ކޮވިޑު ޖެހިފައިތިބި 10،000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ އިރު ކޮވިޑު ބަލި މީހުންނަށް ފަރުވާ ކުރުމުގައި ސިއްހީ އެހީތެރިން ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.