Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީން ހޯދައިފި

އިނގިރޭސި ޕްރެމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓަ ސިޓީ އަށް ލިބިއްޖެ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮއްވައި ސިޓީ އަށް ޗެމްޕިއަންކަން ލިބުނީ އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އައި މެންޗެސްޓަރ ޔުނައިޓެޑް މިރޭ ލެސްޓަ ސިޓީ އަތުން 2-1 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގުގެ އެއްވަނައިގައި ސިޓީ މިވަގުތު ލެސްޓާ އޮތީ 80 ޕޮއިންޓާއެކުގަ އެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.

މިއީ މެންޗެސްޓަރ ސިޓީން އެޓީމުގެ ތާރީހުގައި ހޯދި ހަތްވަނަ ލީގު ތަށްޓެވެ.

ސިޓީން ވަނީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދާފައެވެ. މީގެއިތުރުން އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް މި ސީޒަނުގައި އެބައޮތެވެ. އެގޮތުން އެ މުބާރާތުގެ ފައިނަލްގައި މި މަހުގެ 29 ވަނަ ދުވަހު ސިޓީ ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

އަނެއްކޮޅުން މިރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމަށް ލެސްޓާ އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން މި މޮޅާއެކު ލެސްޓާ މިޙާރު އޮތީ 66 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ލެސްޓާގެ ދެ ގޯލު ކާމިޔާބުކޮށްދީފައިވަނީ ތޯމަސް އާއި އެޓީމުގެ ޑިފެންޑަރު ޝަލްގާ ސޮޔުންޗޫ އެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.

ލީގު ޗެމްޕިއަންކަން ސިޓީން ހޯދާފައިވާއިރު ލީގުގައި އެޓީމު ދެން ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ.