އެސެޓް ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ޕްރެޒިޑެންޝަލް ކޮމިޝަން އޮން އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހުގެ ޖޮއިންޓް ކޮމިޓީއަށް ފޮނުވި ގޮތަށް އާންމު ކުރާނެ ކަމަށް ކޮމިޓީގެ މުގައްރިރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ބައްދަލުވުމުގައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓް ދިރާސާކުރި ސަބްކޮމިޓީގެ ރިޕޯޓް ޖޮއިންޓް ކޮމިޓީއަށް އިއްވަމުން އިމްތިޔާޒް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކު ހުށަހަޅާފައިވާކަމަށާއި، އަދި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކު ހުށަހަޅާފައިވާކަމަށެވެ.
އެހެންކަމުން އެ ލިސްޓްތައް އެއްވެސް އުނިއިތުރެއް ނެތި ކޮމިޓީ ރިޕޯޓާއެކު އާންމު ކުރާނެ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެ ލިސްޓުގައި ކޮމިޓީން އަތްނުލާ ކަމަށްވެސް ވިދާޅުވިއެވެ.