ރާއްޖޭގެ މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މެންދުރު 03:00 އިން ރޭގަނޑު 07:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
މިއާއެކު މެޓް އޮފީހުން ވަނީ ލ. އަތޮޅުން އައްޑުސިޓީ އާ ހަމައަސް ވައިޓް އެލާޓްވެސް ނެރެފައެވެ.
އެސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 03:00 އިން ރޭގަނޑު 08:00 އާ ހަމައަށެވެ. މި ވަގުތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.