Last Updated: June 29, 10:25
Monday, June 29, 2026
ޚަބަރު

"ފޭކެއް" ކަމަށް ބުންޏަސް އަލީ އާޒިމްގެ ނަން ހިޔާނާތުގެ ލިސްޓުގައި!

އަލީ އާޒިމް - ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްގެ ނަން ހިމެނިއްޖެއެވެ.

ރޭވެސް އެމްއެމްޕިއާރްސީގެ ލިސްޓް ކަމަށް ބުނެ ލިސްޓެއ ސޯޝަލް މީޑިއާގައި ދައުރުވިއިރު، އަލީ އާޒިމް ބުނެފައިވަނީ އެއީ ފޭކެއް ކަމަށެވެ.

މި މައްސަލަ ދިރާސާކުރަން ފެށުމުން ކޮމިޓީން އަލީ އާޒިމް އިސްތިއުފާ ދިންއިރު އޭރު އޭނާ ބުނެފައިވަނީ އޭނާއަށް ހިޔާނާތުގެ ތުހުމަތު ކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އަދި އެއީ "ފޭކް"އެއް ކަމަށްވެސް އަލީ އާޒިމް ބުނެފައިވެއެވެ.

އެހެންނަމަވެސް، މަޖިލީހުން އާންމު ކުރި ލިސްޓުގައި ވެސް އަލި އާޒިމްގެ ނަން ވަނީ ހިމެނިފައެވެ. އަދި ތަހުގީގުގައި އޮތީ މައުލޫމާތު އެއްކުރުންކަން ވެސް ރިޕޯޓްގައި ބުނެފައިވެއެވެ.

ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ނަންތައް ހިމެނޭ ލިސްޓާއި އެކު ޖޮއިންޓް ކޮމިޓީން އެ ކޮމިޓީގެ ރިޕޯޓް ފާސްކުރިއިރު، މަޖިލީހުގެ ވެބްސައިޓުގައި ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

އެ ރިޕޯޓްގެ ޖަދުވަރު 1 ގައި އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ތަހުގީގުކުރާ 281 މީހުންގެ ނަން ހިމެނޭ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ. އަދި އެ ރިޕޯޓްގެ ޖަދުވަލު 2 ގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން ހިމެނޭ ލިސްޓް އެސެޓް ރިކަވަރީ ކޮމިޝަންގެ ތައްގަނޑާއެކުއެވެ.