ޓެރަރިސްޓް ހަމަލާތައް ދޭ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ ކަމަށް އީދު ހުތުބާގައި ބުނެފިއެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އީދު ފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ މުހިންމު އެއްކަމަކީ، އިސްލާމީ އަޤީދާއަކީ އެންމެހާ މުސްލިމުންގެ އެކުވެރިކަމާ، އެއްބައިވަންތަކާއި، އެއްބައެއްވަންތަކަމުގެ ތަނބެވެ. އަދި އިސްލާމީ އަޤީދާ ފުނޑުފުނޑު ކޮށްލުމަށްޓަކައި ފިކުރީ ގޮތުން އެތަކެއް މަސައްކަތެއް ކުރަމުން ދާކަމަށް ވެސް އީދު ހުތުބާގައި ބުނެފައިވެއެވެ.
އީދު ހުތުބާގައި ބުނެފައިވަނީ އިސްލާމް ދީނަކީ ސަލާމަތާއި އަމާންކަމުގެ ދީންކަމަށާއި، އަނިޔާވެރިކަމާއި، ހައްދު ފަހަނަ އެޅުމާއި ދެކޮޅުގެ ދީނެއްކަމަށެވެ. ނިރުބަވެރި އަމަލުތައް ހިންގާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް، އެ މީހުންނަށް ހަރުކަށި އަދަބު ދެވެންޖެހޭ ކަމަށްވެސް ހުތުބާގައިވެއެވެ.
"އިސްލާމް ދީނަކީ ސަލާމަތާއި، އަމާންކަމުގެ ދީނެވެ. އަނިޔާވެރިކަމާއި، ހައްދު ފަހަނަ އެޅުމާ ދެކޮޅު ދީނެވެ. މީސްތަކުންގެ ފުރާނަޔާއި މުދަލަށް ގެއްލުންދިނުން ފަދަ އަނިޔާވެރި، އަމަލުތަކުން އިސްލާމް ދީން ބަރީއަވެގެން ވެއެވެ." އީދު ހުތުބާގައިވެއެވެ.
މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މުސްލިމުން އީދުގެ އުފާ ހާސިލުކުރަމުންދާއިރު، ފަލަސްތީނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ހިތާމަވެރި ހާލުގައި ތިބި، މުސްލިމުންގެ މަތިން ހަނދާންކުރަންޖެހޭ ކަމަށެވެ.