ރިއާސީ އިންތިހާބް ޕީޕީއެމް ރިއާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބް ކުރެއްވުމާއި ގުޅިގެން އެމަނިކުފާނާއި، ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު އަށް އައްޑޫ ސިޓީ ކައުންސިލް މެމްބަރުންނާއި ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ ސިވިލް ސާވިސް މުވައްޒަފުންނާއި އައްޑޫގެ ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ކައުންސިލުން ނެރުނު ތަހުނިޔާގެ މެސެޖްގައި ވިދާޅުވެފައިވަނީ މި ރިއާސީ ދައުރުގައި އައްޑޫ އަށް އުފާފާގަތިކަން ކުރިއެރުން ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
އަދި މި ސިޓީގެ ރައްޔިތުންނަކީ ސަރުކާރަށް އެއްބާރުލުންދޭ ރައްޔިތަކު އޫޅޭ ސިޓީއެއް ކަމަށާއި، ރައްޔިތުންގެ ލާބަޔާއި ކުރިއެރުމަށްޓައި ކުރެވޭ ކޮންމެ ކަމެއްްގައި ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލުން އާ ސަރުކާރަށް މަރުހަބާ ކިޔާފައިވާއިރު ކައުންސިލަކީ ސައްތައިން ސައްތަ އެމްޑީޕީ ކައުންުސިލެކެވެ. އަދި އަންނަ ޑިސެމްބަރު މަހު ދައުރު ހަމަވާ ކައުންސިލެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ވަނީ ވަހީދުގެ ސަރުކާރު ގަބޫލް ނުކުރާކަމަށް ބުނެ ދެ ފަހަރެއްގެ މަތިން ބަޔާން ނެރެފައެވެ.