Last Updated: May 4, 17:50
Saturday, May 4, 2024
ޚަބަރު

ފުވައްމުލަކުން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވް

ފުވައްމުލަކު ސިޓީން އިތުރު 20 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަށް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބުނީ ފާއިތުވި 24 ގަޑިއިރުތެރޭ ނަތިޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 20 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު އެ ރަށުގެ އެކްޓިވް ކޭސްގެ އަދަދު 99 އަށް އަރާފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 91 ދިވެހިންނާއި 8 ބިދޭސީއެކެވެ.

އަދި ނަތީޖާ ނުލިބޭ 208 ސާމްޕަލް އެބައޮތް ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 567 މީހުން ފާހަގަވެފައިވާއިރު އޭގެތެރޭގައި 97 މީހުންނަކީ ހައި ރިސްކު އަދި 249 މީހުންނަކީ ރޯގާގެ އަލާމަތްތައް ހުރި މީހުން ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

މި މަހުގެ ހަވަނަ ދުވަހު ފުވައްމުލަކު ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ޕޮޒިޓިވްވެ އެ ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު އެޗްޕީއޭ އިން ވަނީ ފުވައްމުލަކުގައި ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ހަތް ދުވަހުގެ މުއްދަތަށް ހަވީރު 6 އިން ފަތިހު 4 އަށް އެ ރަށުގައި ކާފިއު ހިންގުން ހިމެނެއެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލާފައެވެ.