1-0 އިން ޗެލްސީ ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން ލެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
މިއީ ލެސްޓާ އިން އެ ކްލަބުގެ ތާރީހުގައި އެފްއޭކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އެފްއޭކަޕްގެ ފައިނަލުން ޗެލްސީ ޖެހިޖެހިގެން ބަލިވި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ ސީޒަނުގެ ފައިނަލްގައި އާސެނަލްއާ ބައްދަލުކޮށް ޗެލްސީ ބަލިވީ 2-1 އިންނެވެ.
އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ލެސްޓާ އަށް ކާމިޔާބުކޮށްދިނީ ޔޫރީ ޓީލެމެންސް އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
މި ގޯލަށްފަހު ޗެލްސީން ކުޅުން އަވަސްކޮށް ނަތީޖާ އެއްވަރުކުރަން ވަނީ މަސައްކަތް ކޮށްފައެވެ. އެގޮތުން އެޓީމުގެ މޭސަން މައުންޓް އަދި ޗިލްވެލް ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ދިފާއުކޮށްފައެވެ.
އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗިލްވެލް ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ ޗިލްވެލް އަށް ބޯޅަށް ލިބުނުއިރު އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ކެންސަލްކޮށްފައެވެ.
އެފްއޭކަޕް ލެސްޓާ އިން ކާމިޔާބުކޮށްފައިވާއިރު ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވެސް ލެސްޓާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގުގައި އެޓީމަށް ބާކީ ދެ މެޗު އޮތްއިރު ލެސްޓާ މިވަގުތު އޮތީ 66 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ.