ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އަށް ވަގުތީ ގޮތުން މަސައްކަތް ކޮށްދޭނެ ރަޖިސްޓަރޑް 10 ނަރުހުން ހޯދަން އިއުލާނު ކޮށްފިއެވެ.
ހެލްތް މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި މި ނަރުހުން ބޭނުންވެފައިވަނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ ފަރާތްތަކަށް ނަރސިން ކެއަރ ދިނުމަށް ވަގުތީ ގޮތުން މަސައްކަތްކުރުމަށެވެ.
މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް މުސާރައިގެ ގޮތުގައި ގަޑި އިރަކަށް 61.26 ރުފިޔާ ލިބޭނެކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 20 މޭ 2021ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށް ހުށަހެޅުމަށްވެސް ހެލްތް މިނިސްޓްރީން އެދިފައިވެއެވެ.
ރާއްޖެއިން ކޮވީޑް-19 އަށް ޕޮޒިޓިވް ވަމުން އަންނަ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު ފެސިލިޓިއަކަށް ނުގެންގޮސް ގޭގައި ބައްިތިއްބާފައި ތިބޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 43،782 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 15،666 ކޭސް އެވެ. މި ބަލިން 28،013 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 260 މީހަކަށެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 96 ކަށް އަރާފައެވެ.