Last Updated: June 29, 09:17
Monday, June 29, 2026
ޚަބަރު

ބޯއިކޮޓް ލަވާޒާ ކެމްޕޭން މުޅި ދުނިޔޭގައި!

ފަލަސްތީނާއި ދެކޮޅަށް ފަލަސްތީންގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގައި އިޒްރޭލާއެކު އޮތްކަން ލަވާޒާ ގްރޫޕުން ހާމަކުރުމުން، ލަވާޒާ ބޯއިކޮޓް ކުރުމަށް ގޮވާލާ މުޅި ދުނިޔޭގައި ކެމްޕޭނެއް ފަށައިފިއެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބޯއިކޮޓް ލަވާޒާގެ ހޭޝްޓެގް ބޭނުންކޮށް ގިނަ ބަޔަކު އަންނަނީ ލަވާޒާ ގްރޫޕުގެ ނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ލަވާޒާ ގްރޫޕުން އިޒްރޭލު ދިފާއުކުރާކަން ހާމަވެފައި ވަނީ، އާސިނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ފަލަސްތީނާއެކު ހުރިކަން ހާމަކުރުމުން އެކަމާއި ހިތްހަމަނުޖެހިގެން ލަވާޒާ ގްރޫޕުން އެކަމުގައި އާސެނަލްއާއެކު މަޝްވަރާ ކުރިކަން ހާމަކުރުމުންނެވެ. ލަވާޒާ ގްރޫޕަކީ އާސެނަލްގެ ސްޕޮންސަރެކެވެ.

އެކަމާ ގުޅިގެން ލަވާޒާ ގްރޫޕުން ބުނެފައިވަނީ އެލްނެނީގެ ޕޯސްޓަކީ އެކުންފުނީގެ ޕޮލިސީތަކާއި ހިލާފު ޕޯސްޓެއްކަމަށެވެ.

ލަވާޒާ ގްރޫޕުން އިޒްރޭލުގެ ދިފާއުގައި އޮތްކަން ހާމަކުރުމުން އެ ކުންފުނި ބޯއިކޯޓް ކުރުމަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

އިޒްރޭލުން ވައިގެމަގުން ޕަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ކޮންމެދުވަހަކުވެސް އެތައް ބަޔަކު އަންނަނީ ޝަހީދުވަމުންނެވެ. އެގޮތުން އާދީއްތަ ދުވަހުގެ ފަތިހު އިޒްރޭލުން ދިން ހަމަލާތަކުގައިވެސް ފަލަސްތީންގެ 26 މީހުން ޝަހީދު ވެފައިވެއެވެ.

ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވީ ޝައިޚް ޖައްރާހްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް އިޒްރޭލުން މަސައްކަތް ފެށި ހިސާބުންނެވެ.

ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީން ރައްޔިތުންނާއި މެދު ދަނީ ހަމަނުޖެހުންތައް ހިނަގަމުންނެވެ. މި ހަމަނުޖެހުންތައް އެންމެ ބޮޑުވެފައިވަނީ ފާއިތުރު ދެ ހަފްތާއެއްގެ ތެރޭގައެވެ.

މި ހަމަނުޖެހުން ތަކުގައި އިޒްރޭލުގެ ފުލުހުން ވަނީ ރަމަޟާންމަހު އަލްއަޤްސާ މިސްކިތަށްވަދެ އެތަނުގައި ނަމާދަށް މީހުން ތިއްބާ އެތަނަށްވެސް ހަމަލާތައް އަމާޒުކޮށްފައެވެ. އަދި ޝައިޚް ޖައްރާހް މައްސަލައިގައި ކުރާ މުޒާހަރާތަކާ ދެކޮޅަށްވެސް އިޒްރޭލު ފުލުހުން އަންނަނީ ބާރުގެ ބޭނުންކުރަމުންނެވެ. އެގޮތުން "ސްކަންކް ވޯޓާ" ޖެހުމާއި ސްޓަން ގްރަނޭޑް އަދި ފެން ޖެހުންފަދަ ކަންކަން އިޒްރޭލުގެ ފުލުހުން އަންނަނީ ކުރަމުންނެވެ. އަދި މިހާރު ވައިގެ މަގުންވެސް ރޮކެޓް ހަމަލާއަށް އަންނަނީ ދެމުންނެވެ.

އިޒްރޭލުގެ ފުލުހުން އަނިޔާވެރިވުމުގެ ގޮތުން ވަނީ ރަމަޟާން މަހުގެ 27 ވިލޭރޭ އަލްއަޤްސާ މިސްކިތުގައި އެތައް ހާސް ފަލަސްތީން ރައްޔިތުންނަށް ނަމާދަށް ތިބި ވަގުތު އެމީހުނަށް އަމާޒުކޮށްވެސް ހަމަލާތައް އަމާޒުކޮށްފައެވެ. އެރޭގެ ކުރިމަތިލުންތަކުގައި ފަލަސްތީންގެ 90 އެއްހާ ރައްޔިތުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވެފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓްކޮސްފައިވެއެވެ. އަދި އޭގެ ކުރިން ރޭ ހިނގާދިޔަ ކުރިމަތިލުންތަކުގައި 200 އަށްވުރެއް ގިނަ ފަލަސްތީން ރައްޔިތުންނަށް އެކިވަރުގެ ޒަހަމްތައް ވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޝައިޚް ޖައްރާހްގައި ވަޒަންވެރި ކުރުމަކީ އިޒްރޭލުގެ ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ މީހުންގެ އާއިލާތަކެވެ. އަދި މިވީ ދުވަސްތަކުގައިވެސް ޝައިޚް ޖައްރާހްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންގެ ގެތަކަށް އިޒްރޭލުގެ މީހުން ވަދެ އެ ގެތަކުން ނިކުތުމަށް އަންގާ, ގެތަކުން ނުނިކުތުމުން ގާފަދަ ތަކެތި އުކާ ހަދާފައިވާކަމަށެވެ.

ޝައިޚް ޖައްރާޚްގެ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީން ރައްޔިތުންނާ އެއްކޮޅަށް އަދި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑުއުފުލަމުން އަންނައިރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިޒްރޭލުގެ އަމަލުތައް ދިފާއުކޮށްފައެވެ. އަދި ޝައިޚް ޖައްރާޚް ހިސާބުގައި "ހަރުކަށި ފިކުރުގެ ސަބަބުން އަމަން ގެއްލޭފަދަ" ކަމެއް ވުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ނަތަންޔާހޫ ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޝެއިޚް ޖައްރާހްގެ މައްސަލަ ފެށިފައިވަނީ އޮޓަމަން ރަސްކަމުގައި ޔަހޫދީ ޓްރަސްޓަކުން ޝެއިޚް ޖައްރާހްގެ ބައެއް ގަތް ހިސާބުންނެވެ. އޭގެފަހުން ހިނގި އަރަބި އިޒްރޭލީ ހަނގުރާމާގައި ޖޯޑަންއިން އިރުމަތީ ގުދުސް ހިފާ އެތަނުގައި ގިނަ ގެތަކެއް ވަނީ އަޅާފައެވެ. އަދި އިޒްރޭލު ހަނގުރާމައިގައި އިޒްރޭލުން ފޭރިގަތް ބިންތަކުގައި ދިރިއުޅުނު ފަލަސްތީނު ރައްޔިތުންނަށް އެ ގެތައް ހާއްސަކުރިއެވެ.

އޭގެ އަހަރުތަކެއް ފަހުން އިޒްރޭލުން އިރުމަތީ ގުދުސްއަށް އަނެއްކާވެސް ވެރިވެގަނެ ޝައިޚް ޖައްރާގެ ގެތަކަކަކީ އިޒްރޭލުގެ މުދާކަމަށް ކަނޑައެޅިއެވެ.

މިހާރުވެސް ޝައިޚް ޖައްރާހްގެ ބައެއް ގެތަކުގައި ފަލަސްތީން ރައްޔިތުންނަށް ދިރިއުޅެން ޖެހިފައިވަނީ އިޒްރޭލުގެ އާއިލާތަކާއި އެކުއެވެ. އަދި އެ ހިސާބުގެ ބައެއް ގޭގެއިން ފަލަސްތީން ރައްޔިތުން ގަދަކަމުން ނެރެފައިވެއެވެ.