Last Updated: July 22, 17:21
Wednesday, July 22, 2026
ކުޅިވަރު

އެލިސަން ފަހު ވަގުތު ލިވަޕޫލް މޮޅުކޮށްދީފި

ފަހު ވަގުތު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކާމިޔާބުކުރި ގޯލުން 2-1 އިން ވެސްޓްބްރޮމްގެ މައްޗަށް ލިވަޕޫލް އިން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ލިވަޕޫލް އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން މިރޭގެ މޮޅާއެކު 63 ޕޮއިންޓާ އެކު ލިވަޕޫލް މިހާރު އޮތީ ލީގުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި 64 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ. އެ ދެ ޓީމަށް ވެސް ބާކީ ލީގުގައި ދެން އޮތީ ދެ މެޗެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ވެސްޓްބްރޮމް އިންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބްސަން ކާނޫއެވެ. ނަމަވެސް މެޗުގެ 33 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލިވަޕޫލް އިން ދިޔައީ ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ވެސްޓްބްރޮމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ބާންލީއާ ދެކޮޅަށެވެ.